ޚަބަރު

މާލެއިން 132 ތަނަކަށް ފެންވަދެގެން ރިޕޯޓްކުރި

ރައުފާ ރަޝީދު ، ދެން އޮންލައިން
މާލެއަށް ކުރި ވިއްސަރާގައި 132 ގެއަކަށް ފެން ވަދެގެން ރިޕޯޓްކޮށްފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް ސެންޓާ (އެންޑީއެމް) އިން ބުނެފިއެވެ.

އިއްޔެ ރާއްޖޭގެ އެކި ހިސާބުތަކަށް ވަނީ ވިދާ ގުގުރުމާއި އެކު ވަރަށް ބޯކޮށް ވާރޭ ވެހިފައެވެ. ހުއްޓާ ނުލާ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާލޭގެ ގިނަ މަގުތައް ވެސް ވަނީ ފެންބޮޑުވެފަައެވެ. އަދި ބައެއް ގެތަކަށް ފެނުގެ އަސަރު ވަނީ ކޮށްފައެވެ.

Ads by MWSC

އެންޑީއެމްއޭއިން ބުނީ މާލެ ސިޓީގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވެ، ފެންވަދެގެން ޖުމްލަ 132 ތަނަކުން ރިޕޯޓު ކޮށްގެން 122 ތަނަކަށް އެޓެންޑުވެ، 104 ތަނެއްގައި ޖުމްލަ 732 ވެލިބަސްތާ ޖަހާފައިވާ ކަމަށެވެ.

އޭގެ ތެރެއިން ދިރިއުޅެން ދަތިވާކަމަށް ރިޕޯޓު ކުރެވުނު 10 ގެއެއްގެ ރެޕިޑު އެސެސްމެންޓް ދިވެހި ރެޑް ކްރެސެންޓުގެ އެހީތެރިކަމާއިއެކު ނިންމާ، ދިރިއުޅެން ދަތިވާކަމަށް ފާހަގަ ކުރެވުނު 06 ގެއެއްގެ ޖުމްލަ 42 މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިން ބުއިން އެއް ރެއަށް ހަމަޖައްސާދީފައިވާ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.

އަދި އަތޮޅު ތެރެއަށް ކުރި ވިއްސާރައިގައި ށ. ފީވަކުގެ 20 ގެއަކަށާއި ށ. ފޯކައިދޫގެ ތިން ގެއަކަށް ގެއްލުން ލިބިފައިވާ ކަމަށާއި އަދި ތ. ހިރިލަންދޫ އާއި ތ. ވަންދޫއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެގެން ފެން ހިއްކުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް އެންޑީއެމްއޭއިން މަޢުލޫމާތުދެއެވެ. އަދި ތ. ވަންދޫގެ އެއް ގެއަށް ވެސް ވަނީ ގެއްލުން ލިބިފައެެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައިވެސް ރާއްޖެއަށް ބޯކޮށް ވާރޭވެހި މާލެ އާއި ބައެއް ރަށްރަށުގައި ވަނީ އާއްމުންގެ މުދަލާއި އިމާރާތްތަކަށް ގެއްލުންވެފައެވެ. އެ ފަހަރު ކުރި ވިއްސާރައިގައި މާލޭގެ 110 ގެއަކަށް ފެން ވަދެގެން ވަނީ ރިޕޯޓުކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!