ޚަބަރު

ދައުލަތަށް ލިބުނު އާމްދަނީ ދަށްވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 ގެ ސަބަބުން ދައުލަތަށް ލިބުނު އާމްދަނީ ދަށަށް ދިޔަނަމަވެސް، ހަރަދުތައް މަތިވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބު ތަކުން ދައްކައިިފި އެވެ.

Ads by Sosun Fihaara

ފިނޭންސް މިނިސްޓްރީ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ސަރުކާރަށް ހިލޭ އެހީއާ އެކު ޖުމްލަ އާމްދަނީގެ ގޮތުގައި ފާއިތުވި ހަފްތާ ލިބިފައިވަނީ 4.13 ބިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި އާމްދަނީއަށް ލިބުނު، 4.92 ބިލިއަން ރުފިޔާއާ އަޅާބަލާއިރު، 785.80 މިލިއަން ރުފިޔާ މަދު އަދަދެކެވެ.

ފާއިތުވި އަހަރަށްވުރެ މިއަހަރުގެ މި މުއްދަތުގައި އިމްޕޯޓު ޑިއުޓީ، ޖީއެސްޓީ، ޓީޖީއެސްޓީ، އެއާޕޯޓު ސާވިސްޗާޖު އަދި އެއާޕޯޓު ޑިވެލޮޕްމެންޓް ފީގެ ގޮތުގައި ލިބިފައިވާ އާމްދަނީ ވަނީ ދަށަށް ގޮސްފަ އެވެ. ސަބަބެއްކަމުގައި ބެލެވެނީ މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް އާއެކު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މަދުވެ، އިގްތިސާދަށް އޭގެ އަސަރު ފޯރުމެވެ.

ހިސާބުތައް ދައްކާ ގޮތުގައި މި މުއްދަތުގައި ދައުލަތުގެ ހަރަދު ވަނީ ބޮޑުވެފަ އެވެ. މިދިޔަ މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުން ހަރަދުކޮށްފައިވަނީ ހަތަރު ބިލިއަން ރުފިޔާ އެވެ. ނަމަވެސް މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް މި އަދަދު ވަނީ 4.5 ބިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ.

މި މުއްދަތުގައި އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ މުވައްޒަފުންގެ މުސާރައަށެވެ. މުސާރައަށް ބަޖެޓުން 1.67 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، އިދާރީ ހަރަދުގެ ގޮތުގައި 1.58 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

ފާއިތުވި އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދައުލަތުގެ ދަތުރުފަތުރުގެ ހަރަދު ވަނީ ބޮޑުތަނުން ކުޑަކޮށްފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ދަތުރުފަތުރަށް 35.7 މިލިއަން ރުފިޔާ ހަރަދު ކުރިއިރު މި އަހަރުގެ މި މުއްދަތުގައި ހަރަދުކޮށްފައިވަނީ 28.8 މިލިއަން ރުފިޔާ އެވެ.

މި އަހަރަށް ފާސްކޮށްފައިވަނީ 37 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި ބަޖެޓުން ހިލޭ އެހީ އާއި އާމްދަނީގެ ގޮތުގައި މިހާތަނަށް ޖުމްލަ ލިބިފައިވަނީ 4.1 ބިލިއަން ރުފިޔާ އެވެ. އަދި ހަރަދުގެ ގޮތުގައި ހޭދަވެފައިވަނީ 4.5 ބިލިއަން ރުފިޔާ އެވެ.

ކޮރޯނާވައިރަހުގެ ބަލިމަޑުކަމާ ގުޅިގެން ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ސަރުކާރުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅައިފަ އެވެ. އެގޮތުން މާދަމާ އިން ފެށިގެން އެއް ހަފްތާއަށް ސަރުކާރު ބަންދު ކުރަން ނިންމާފައިވާއިރު، އެއް ބިލިއަން ރުފިޔާ ބަޖެޓުން ސަލާމަތް ކުރުމަށް ފިޔަވަޅުތައް އަޅަން ވަނީ ނިންމައިފަ އެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!