ޚަބަރު

ގިރާވަރުން ދޫކުރި ގޯތި ގުޅީފަޅަށް ބަދަލުކުރުމަށް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

ފާރިހާ ޢަދުނާން ، ދެން އޮންލައިން
ގިރާވަރު ލޭންޑް ޔޫސް ޕްލޭން

ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުން ދޫކޮށްފައިވާ 1347 ގޯއްޗެއް, ގުޅިފަޅަށް ބަދަލުކުރަން އެދުމަށް ހުޅުވާލައިފައިވާ ފުރުސަތުގެ މުއްދަތު އިތުރުކޮށްފިއެވެ.

Ads by Sosun Fihaara

ގެދޮރުވެރިކަމާ ގުޅޭ ވުޒާރާއިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، ގިނަ ފަރާތްތަކުން އެދެމުންދާތީ އެ މުއްދަތު މި މަހުގެ 19 ވާ ބުރާސްފަތި ދުވަހުގެ ރޭ 23:00 ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.

މިނިސްޓްރީއިން ބުނީ ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ދޫކޮށްފައިވަނީ އެސަރަޙައްދަށް ކޮންމެހެން ބޭނުންވާ މުހިއްމު ހިދުމަތްތަކަށް އެކަށީގެންވާ ވަރަށް ބިން އެކަށައެޅުމެއް ނެތިކަމަށްވާތީ މި ހިދުމަތްތަކާއެކު ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލުގެނައުމުން ގިރާވަރުފަޅުން ބިން ދޫކޮށްފައިވާ އަދަދަށް ގޯތި ނުނެގޭ ކަމަށެވެ.

އެކަމާ ގުޅިގެން ގިރާވަރުފަޅުން ދޫކޮށްފައިވާ ބައެއް ގޯތިތައް ބަދަލުކުރުމަށް ހަމަޖެހިފައިވަނީ ގުޅިފަޅަށް ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

ގުޅިފަޅަށް ބަދަލުކުރުމަށް ނިންމާފައިވަނީ:

  • 1250  އަކަފޫޓުގެ 193 ގޯތި
  • 1650  އަކަފޫޓުގެ 663 ގޯތި
  • 2050  އަކަފޫޓުގެ 487 ގޯތި
  • 2450  އަކަފޫޓުގެ 4  ގޯތި

މި އަދަދަށްވުރެ ގުޅީފަޅަށް ބަދަލުވާން ހުށަހަޅާ ފަރާތްތަކުގެ އަދަދު އިތުރުވާނަމަ ގުޅީފަޅުން ގޯތި ލިބޭ ފަރާތްތައް ކަނޑައަޅާނީ ގުރުއަތުން ކަމަށް ވެސް އެ ވުޒާރާއިން ބުންޏެވެ.

ގޯތި ބަދަލުކުރަން ބޭނުންވާނަމަ، އެކަަމަށް އެދެން ހަމަޖެހިފައިވަނީ ހިޔާވަހި ޕޯޓަލް މެދުވެރިކޮށެވެ.

ގިރާވަރު ފަޅުން ގޯތި ލިބުނު ބައެއް މީހުންގެ ގޯތި، ގުޅިފަޅަށް ބަދަލުވުމުގެ ފުރުސަތު އެބައޮތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ ސުވާލުތަކަށް ރައީސް ސީދާ ޖަވާބު ދެއްވާ "ރައީސް ޖަވާބު" ވީޑިއޯގައި، ގިރާވަޅު ފަޅުން ގޯތި ލިބުނު ރައްޔިތަކު އެ ގޯތި ލިބުނު މީހުންނަށް، ގުޅީފަޅު ނުވަތަ ހުޅުމާލެއަށް އެ ގޯތި ބަދަލުކުރެވިދާނެތޯ ކުރި ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ގިރާވަޅު ފަޅުން ގޯތި ލިބުނު ގިނަ ބައެއްގެ ފަރާތުން އެ ސުވާލު ލިބެމުން އަންނަ ކަމަށެވެ.

ކުރީގެ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ދެކާއި ތިނެއް އާއި ގުޅިފަޅު އަދި ގިރާވަރުފަޅުން ފުރަތަމަ ބުރުގައި 9،001 ގޯތި ދޫކުރުމަށް ނިންމައި، ގޯތި ލިބުނު މީހުންނަށް ރަޖިސްޓްރީ ވެސް ދޫކޮށްފައިވެ އެވެ. އަދި މިހާރު ހިއްކާ ނިމިފައި ހުރި ބިންތަކުން ބިންކަނޑާ ބިން ހަވާލު ވެސް ކުރި އެވެ. ހުޅުމާލެ 3 އާއި ގުޅިފަޅު އަދި ގިރާވަރުފަޅުގެ ބިން ހިއްކާ ނުނިމުނަސް ވަނީ ގަވާއިދަށް ބަދަލު ގެނެސްގެން ބިމުގެ ރަޖިސްޓްރީ ވެސް ހަވާލުކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!