ޚަބަރު

މަޖިލިސް އިންތިހާބަށް 287،462 ވޯޓު ކަރުދާސް ޗާޕުކޮށްފި

ފާރިހާ ޢަދުނާން ، ދެން އޮންލައިން
ވޯޓުލާން ބޭނުންވާ ތަކެތި އަތޮޅުތަކަށް ފޮނުވުމުގެ ތެރެއިން/ ފޮޓޯ: އީސީ

އަންނަ އާދިއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ޖުމްލަ 287،462 ވޯޓު ކަރުދާސްކޮޅު ޗާޕުކޮށްފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.

މަޖިލިސް އިންތިހާބަށް ވޯޓު ކަރުދާސް ޗާޕުކުރި ގޮތުގެ މައުލޫމާތު އީސީން މިއަދު ވަނީ ގެޒެޓުވެސް ކޮށްފައެވެ. ގެޒެޓުގައިވާ މައުލޫމާތަށް ބަލާއިރު، ކޮންމެ ދާއިރާއަކަށްވެސް ޗާޕްކުރި ކަރުދާހުގެ މައުލޫމާތު ހިމަނާފައިވެއެވެ.

އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ 36 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން ވޯޓު ކަރުދާސް ޗާޕުކުރި ގޮތުގެ މައުލޫމާތު އާއްމުކޮށްފައިވާއިރު، އީސީން ހާމަކުރާ ގޮތުގައި މި ފަހަރުގެ ވޯޓު ކަރުދާސްތައް ޗާޕުކޮށްފައިވަނީ ނޮވެލްޓީ ޕްރިންޓާސް އެންޑް ޕަބްލިޝާސް ޕްރައިވެޓް ލިމިޓެޑުންނެވެ.

އީސީއިން ވަނީ މި އިންތިހާބުގައި ބޭނުންކުރާނެ ވޯޓު ކަރުދާހާއި އެހެން ތަކެތި އަތޮޅުތަކަށް ފޮނުވުމުގެ މަސައްކަތް ފަށާފައެވެ.

އީސީން ބޭއްވި ގައުމީ ލަފާދޭ ކޮމިޓީގައި ކޮމިޝަންގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވީ އިންތިހާބަށް، އިދާރީ ގޮތުން ވާންޖެހޭ ހުރިހާ ތައްޔާރީތަކެއްވެ ނިމިފައިވާ ކަމަށެވެ.

އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ހިމެނޭ ވޯޓުލާ މަރުކަޒަށް ފޮނުވަން ޖެހޭ ތަކެތި ފޮނުވުމުގެ މަސައްކަތް މާދަމާގެ ނިޔަލަށް ފޮނުވައި ނިންމާލެވޭނެ ކަމަށް ޒަކަރިއްޔާ ވިދާޅުވިއެވެ. އީސީން ލަފާކުރާ ގޮތުން އަތޮޅުތަކުގެ ވެރިކަންކުރާ ރަށްތަކަށް ފޮނުވާ ތަކެއްޗާ އެކު ހުކުރު ދުވަހުގެ ހެނދުނު، ވޯޓުލާ މަރުކަޒުތައް ގާއިމްކުރާ ރާއްޖޭގެ ހުރިހާ ރަށަކަށް ފޮނުވައި ނިންމާލެވޭނެއެވެ.

އަދި ހޮނިހިރު ދުވަހުގެ މެންދުރު ފަހުގެ ވަގުތުގައި ރިސޯޓުތަކާއި ސިނާއީ ތަންތަނަށް ފޮނުވަން ޖެހޭ ތަކެއްޗާއި ބޭރުގައި ވޯޓު ފޮށިތައް ބަހައްޓާ ތިން ގައުމު ކަމަށްވާ ސްރީލަންކާ، މެލޭޝިޔާ އަދި އިންޑިއާ ގައި ވޯޓުލާން ބޭނުންވާ ތަކެތި ފޮނުވައި ނިންމާލެވޭނެއެވެ.

މި އިންތިހާބުގައި ޖުމްލަ 284،663 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވާއިރު މީގެ ތެރޭގައި ހިމެނެނީ 139،361 އަންހެނުންނާއި 145،302 ފިރިހެނުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!