އަދިވެސް އެއާޕޯޓުން ކަރަންޓު ކެނޑިދާނެ: އެމްއޭސީއެލް

ރާއްޖޭގެ މައި އެއާޕޯޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން މިއަދު އަދިވެސް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް އެއާޕޯޓް ހިންގަމުންދާ މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.
މިއަދު ހެނދުނު ދިހައެއް ޖެހިހާއިރު ވީއައިއޭއިން ކަރަންޓު ކެނޑި އޮޕަރޭޝަންތަކަށް ބުރު އެރިއެވެ. އެކަމަކު އޭގެ ދޮޅުގަޑިއިރު ފަހުން މައްސަލަ ހައްލުކޮށް އަލުން ކަރަންޓުވަނީ ދީފައެވެ.
މީގެ އިރިކޮޅެއް ކުރިން ''އެކްސް'' ގައި ކުރި ޕޯސްޓެއްގައި ވީއައިއޭއިން ބުނީ، ދިމާވި ކަރަންޓް ކެނޑުމުގެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރާއިރު، ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
'' މަސައްކަތް މިކުރަނީ އޮޕަރޭޝަނަށް ބުރުނާރާގޮތަށް ކަރަންޓު މައްސަލަ ހައްލު ކުރެވޭތޯޯ'' އެމްއޭސީއެލްގެ ޕީއާރު މެނޭޖަރު ޝައްމާން ޝާކިރު ''ދެން'' އަށް ވިދާޅުވިއެވެ.