ޗައިނާއަކީ ރަޝިޔާގެ އަސްކަރީ ކޮމްޕްލެކްސް ސަޕްލައިކުރާ އެންމެ އިސް ފަރާތް: ބްލިންކެން
އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓަނީ ބްލިންކެން، ރަޝިޔާގެ ދިފާއީ ސިނާއަތަށް ޗައިނާއިން ދޭ ތާއީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވިދާޅުވީ، ޔޫކްރެއިންގައި މޮސްކޯއިން ކުރަމުންދާ ހަނގުރާމައިގައި އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެނީ ބެއިޖިންއިން ކަމަށެވެ.
އަދި މި މަސައްކަތުގެ ސަބަބުން ފިނި ހަނގުރާމަ ނިމުނު ފަހުން ޔޫރަޕްގެ ސަލާމަތަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ވެސް މި މަސައްކަތުގެ ސަބަބުން ކަމަށެވެ.
އިޓަލީގެ ރަށެއް ކަމަށްވާ ކެޕްރީގައި ޖީ-7ގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުން ނިމުމަކަށް ގެނައުމަށް ބޭއްވި ނިއުސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ބްލިންކެން ވިދާޅުވީ ޔޫކްރެއިންގައި ރަޝިޔާއިން ކުރަމުންދާ ހަނގުރާމައަށް އެހީތެރިކަން ފޯރުކޮށްނުދިނުމަށް ވޮޝިންޓަނުން ބެއިޖިންއަށާއި އެހެނިހެން ފަރާތްތަކަށް ވަރަށް ސާފުކޮށް އަންގާފައިވާ ކަމަށެވެ.
"ރަޝިއާގެ ޑިފެންސް އިންޑަސްޓްރިއަލް ބޭސްއަށް ބަލާއިރު، މިދަނޑިވަޅުގައި އެންމެ ބޮޑު ހިއްސާއެއް ކުރަނީ ޗައިނާ. އަޅުގަނޑުމެންނަށް ފެންނަނީ ޗައިނާއިން މެޝިން ޓޫލްސް، ސެމިކޮންޑަކްޓަރު، އެހެނިހެން ޑުއަލް ޔޫސް އައިޓަމްތައް ހިއްސާކުރާތަން، އޭގެ ސަބަބުން ރަޝިއާގެ ދިފާއީ އިންޑަސްޓްރިއަލް ބޭސް އާރާސްތުކުރުމަށް އެހީތެރިވެދިން ތަން،" ބްލިންކެން ވިދާޅުވި އެވެ.
"ޗައިނާއަށް ދެ ގޮތަކަށް ވެސް ނުހުރެވޭނެ. އެއީ އެވަރުގެ ކަމެއް ނޫނެވެ. ޔޫރަޕްގެ ގައުމުތަކާ އެކު ރަނގަޅު، ރަހުމަތްތެރި ގުޅުމެއް ބާއްވަން ބޭނުންވާ ކަމަށާއި، ހަމަ އެއާއެކު ފިނި ހަނގުރާމަ ނިމުނު ފަހުން ޔޫރަޕްގެ ސަލާމަތަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ވެސް ތިޔަ ބޭފުޅުން،" ބްލިންކެން ވިދާޅުވި އެވެ.
ރަޝިޔާއިން 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ޔޫކްރެއިންއަށް ފުލް ސްކޭލް ހަމަލާއެއް ދިން ފަހުން މޮސްކޯއިން ކުރަމުންދާ ހަނގުރާމައިގެ މަސައްކަތަށް އެއްބާރުލުން ނުދިނުމަށް އެމެރިކާއިން ޗައިނާއަށް އިންޒާރުދީފިއެވެ.
ޖަރުމަނުގެ ޚާރިޖީ ވަޒީރު އެނަލީނާ ބެއަރބޮކް ވެސް ވަނީ ބްލިންކެންގެ ކަންބޮޑުވުންތަކަށް ތާއީދު ކުރައްވާފައެވެ.
"ޔޫކްރެއިންއާ ދެކޮޅަށް ގާނޫނާ ހިލާފަށް ހަނގުރާމަ ކުރަމުން އަންނަ ރަޝިއާއާ އެކު ޗައިނާއިން ފާޅުގައި ގާތް ގުޅުމެއް ބާއްވަން ނިންމައިފިނަމަ... އަޅުގަނޑުމެންނަކަށް އެކަން ގަބޫލެއް ނުކުރެވޭނެ،" ކެޕްރީގައި ޖީ-7 ގެ ބައިވެރިންނާ އެކު ބޭއްވި ބައްދަލުވުމަށް ފަހު ބެއާބޮކް ވިދާޅުވި އެވެ.
އެމެރިކާގެ އޮފިޝަލުން މިމަހުގެ ކުރީކޮޅު ނޫސްވެރިންނަށް މައުލޫމާތު ދެއްވީ ޗައިނާއިން ރަޝިޔާއަށް ފޯރުކޮށްދެމުން އަންނަ ތަކެތީގެ ތެރޭގައި ޑްރޯން އާއި މިސައިލް ޓެކްނޮލޮޖީ އާއި ސެޓެލައިޓް ފޮޓޯ އާއި މެޝިން ޓޫލްސް ފަދަ ތަކެތި ހިމެނެ އެވެ.