ކޮވިޑް19:ހަނގުރާމައިގެ އިސް ސަފުގައި ތިއްބެވި ސިއްޙީ ޚިދުމަތްތެރިންނަށް ޚަރަދު ކުރާނީ ދައުލަތުން
މިހާރު މިތިބީ ކޮވިޑް19 އާއި ދެކޮޅަށް ކުރާ ހަނގުރާމައެއްގައި ކަމަށާއި ހަނގުރާމައިގެ އިސް ސަފުގައި ތިއްބެވި ސިއްޙީ ޚިދުމަތްތެރިންނަށް ޚަރަދު ކުރާނީ ދައުލަތުން ކަމަށް ފްރާންސްގެ ރައީސް އެމެނުއަލް މެކްރޮން ބުނެފިއެވެ.
ފްރާންސް ލޮކްޑައުންއަކަށް ގެންދިޔުން އިއުލާން ކުރަމުން ދެއްކި ވާހަކައިގައި ރައީސް މެކްރޮން ބުނީ ކޮވިޑް19އާއި ދެކޮޅަށް ކުރާ ހަނގުރާމައިގައި އިސް ސަފުގައި ތިބި ސިއްހީ ޚިދުމަތްތެރިންގެ ހައްގުތަކެއް ދައުލަތަށް ވާކަމަށާއި އެގޮތުން އެމީހުންނަށް ބޭނުންވާ ރައްކާތެރިކަން ޔަގީން ކޮށްދޭ ކަމަށެވެ. އެގޮތުން ރައްކާތެރިކަމުގެ ސާމާނުތައް ފޯރުކޮށް ދިނުމުގެ އިތުރުން ސިއްހީ ޚިދުމަތްތެރިންގެ ދަރީންނަށް ހިމާޔަތްދީ ދައުލަތުން އެކުދިންގެ ޚަރަދުތައް ކުރާނެ ކަމަށެވެ.
މުޅި ފްރާންސް ލޮކްޑައުންއަކަށް ގެންދިޔައިރު އެގައުމުގެ ހުރިހާ ބޯޑަރުތަކެއް ވަނީ ބަންދު ކޮށްފައެވެ. އަދި މީހުން ބޭރަށް ނިކުމެ އުޅުން ވަނީ މަނާކޮށްފައެވެ. ޟަރޫރީ ޙާލަތެއްގައި ބޭރަށް ދާން ޖެހިއްޖެ ނަމަ އެކަމަށް ކަނޑައެޅިފައިވާ އޮންލައިން ފޯމެއް ފުރަން ޖެހެއެވެ. އަދި މި ގަވާއިދާއި ޚިލާފް ވާ ފަރާތްތަކަށް 34 ޔޫރޯގެ ޖޫރިމަނާއެއް ކަނޑައަޅާފައިވެއެވެ. މީގެ އިތުރުން ކޮވިޑް19 އާއި ގުޅިގެން އިނދަ ޖެހެމުންދާ ވިޔަފާރިތައް ކުރިއެރުމަށް ބިލިއަން ޑޮލަރުގެ ލޯން ސްކީމެއް ވަނީ އިއުލާން ކޮށްފައެވެ.
ފްރާންސުން މިހާތަނަށް 175 މީހަކު ވަނީ ކޮވިޑް19 ޖެހިގެން ދުނިޔެ ދޫކޮށްފައެވެ.