ކަރަންޓީނުގެ އެންގުމާ ހިލާފުވާ މީހުންގެ ނަން ހާމަކޮށް 5000 ރުފިޔާއިން ޖުރިމަނާ ކުރަނީ
ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ކަރަންޓީނުވާން އަންގާ އެންގުމާ ހިލާފުވާ ފަރާތްތައް 5000 ރުފިޔާ އިން ޖޫރިމަނާ ކުރަން ނިންމައިފިއެވެ.
ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ސޮއިކުރައްވާ ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) މިއަދު ނެރުނު އެންގުމެއްގައި ބުނެފައިވަނީ ކޮވިޑް-19 ގެ ބަލި ޖެހިފައިވާ މީހަކު ނުވަތަ އެފަދަ ބައްޔެއް ފަތުރާ ވަސީލަތަކަށް ހުށަހެޅިފައިވާ މީހަކު އެކަހެރިކުރުމަށް އަންގަނީ އެ ބަލި އިތުރަށް ފެތުރުން ހުއްޓުވައި، އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.
އަދި އެފަދަ ކޮންމެ އެންގުމަކަށް ހިލާފުވުމަކީ އާއްމު ސިއްހަތަށް ނުރައްކާވާ ހާލަތަށް މުޖުތަމައުގެ އެހެން ފަރާތްތަށް ހުށަހެޅޭނެ ކަމެއް ކަމަށްވާތީ އެފަދަ އެންގުމަކާ ހިލާފުވާ ކޮންމެ ފަރާތަކާއި މެދުވެސް ފިޔަވަޅުތައް އެޅުމަށް ނިންމާފައިވާ ކަމަށް ބުނެފައިވެއެވެ.
އެގޮތުން އެފަދަ ފަރާތްތައް 5،000 ރުފިޔާ އިން ޖޫރިމަނާ ކުރުމާއި އަދި އެންގުންތަކާ ހިލާފުވާ ފަރާތްތަކުގެ ނަން ހާމަކުރުން ހިމެނެއެވެ.
މި އެންގުމަށް މިއަދުން ފެށިގެން އަމަލުކުރަމުން ގެންދާނެ ކަމަށްވެސް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް ނެރުއްވި އެންގުމުގައި ބުނެފައިވެއެވެ.
ކަރަންޓީނުކޮށްފައި ހުއްޓާ އާންމުންގެ ތެރެއަށް އެމީހަކު ނިކުތުމަކީ ކުށެއް ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވެސް މީގެކުރިން ވަނީ ވިދާޅުވެފައެވެ.