ޚަބަރު

ސްޓެލްކޯގެ ޑިސްޓްރިބިއުޝަން ފޮށިތަކަކުން ކަރަންޓު ކޭބަލްތަކެއް ވަގަށް ނަގައިފި

ފާރިހާ ޢަދުނާން ، ދެން އޮންލައިން
ސްޓެލްކޯ އިމާރާތް - ފޮޓޯ: ދެން

ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރި ހުންނަ ސްޓެލްކޯގެ ޑިސްޓްރިބިއުޝަން ފޮށިތަކަކުން ކަރަންޓު ކޭބަލްތަކެއް ވަގަށް ނަގައިފިއެވެ.

Ads by MWSC

"ވެކޭޝަން އެކްސްޕޯ" ކުރިއަށް ގެންދާ ހައިރައިސް ކުންފުނީގެ ވެރިޔާ އިސްމާއިލް ހަމީދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ސެންޓްރަލް ޕާކު ސަރަހައްދުގައި ހުރި ޑިސްޓްރިބިއުޝަން ފޮށިތަކުން ރޭގެ ވަގުތެއްގައި ވައްކަންކޮށްފައިވާ ކަމަށެވެ.

އަދި އެ ފޮށިތަކަކީ ހުޅުމާލެ ޕޮލިސް ސްޓޭޝަނުގެ ކުރިމަތީ ހުރި ފޮށިތަކެއް ކަމަށާއި އެވަގުތު ޕާކުގައި ކުރިއަށް ގެންދިޔަ އިވެންޓުގެ ސެކިއުރިޓީން ވެސް ހަރަކާތްތެރިވަމުންދިޔަ ކަމަށް އެ ޕޯސްޓުގައި ބުނެފައިވެއެވެ.

އޭނާ ބުނާގޮތުން އާންމު ތަންތަނުން މިގޮތަށް ވައްކަން ކުރަމުންދާއިރު އާންމު ރައްޔިތުންގެ މުދަލެއް ރައްކާތެރިއެއް ނޫނެވެ.

އާންމު ތަންތަނުން ވައްކަން ކުރުން އިތުރުވެ، މި ފަހުން ސްޓެލްކޯގެ ޓްރާންސްފޯމަރުތަކުން ވައްކަން ކުރާ މައްސަލަވެސް ފެންމަތިވެ، ފުލުހަށް އެ މައްސަލަ ހުށަހެޅިއެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ އޭރު ވިދާޅުވީ ކުންފުނީގެ ސަބް ސްޓޭޝަންތަކުގެ ތަޅުތައް ހަލާކޮށް، އެތަންތަނަށް ވަދެ ޓްރާންސްފޯމަރުތައް ނިއްވާލައި، އެ ޓްރާންސްފޯމަރުތަކުގެ އެކި ބައިތައް ވަގަށް ނަގަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އަދި އެއީ އެކަން ކުރާ ފަރާތްތަކަށްވެސް ބޮޑު ނުރައްކަލެއް ކަމަށެވެ. އަދި ކަރަންޓުގެ އަސާސީ ހިދުމަތް 24 ގަޑިއިރު މެދުނުކެނޑި ދޭން އެ ކުންފުނިން ކުރަމުންގެންދާ މަސައްކަތަށްވެސް އެޅޭ ހުރަހެއް ކަމަށް ފަހުމީ ވިދާޅުވިއެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!