މަދިރި ކޮންޓްރޯލް ކުރަން މާލެ ފޮގްކުރަނީ

ގްރޭޓާ މާލެ ސަރަހައްދުގައި މަދިރި އާލާވުން ކޮންޓްރޯލް ކުރުމުގެ ގޮތުން މަދިރި އުފެދޭ ތަންތަން ފޮގް ކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ.
ސިޓީ ކައުންސިލުން 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ބުނީ އެ މަސައްކަތުގެ ތެރެއިން ރޭ ވިލިމާލެ ފޮގްކޮށްފައިވާ ކަމަށެވެ.
އަދި ވަރަށް އަވަހަށް މާލެވެސް ފޮގު ކުރުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށް އެ ކައުންސިލުން ބުންޏެވެ.
ކައުންސިލްގެ ޕެސްޓު ކޮންޓްރޯލް ޑިޕާޓްމެންޓުން ފޮގް ކުރަނީ މާލެ އަދި ވިލިމާލޭގައި ހުރި ކޮންސްޓްރަކްޝަން ސައިޓުތައް ފަދަ ގިނަގިނައިން ފެން ހަރުލާ މަދިރި އާލާވާފަދަ ސަރަހައްދުތަކެވެ. އެތަންތަނަށް މަދިރި ބޭސް އަޅަމުންދާ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.
މި ދުވަސްވަރަކީ ވިއްސާރަ ދުވަސްވަރަކަށްވާއިރު މަދިރި އާލާވުން އިތުރުވެފައިވާއިރު މަދިރީގެ ޒަރިއްޔާއިން ޖެހޭ ބަލިތައް ކަމަށްވާ ޑެންގީ ހުމާއި ޗިކުންގުންޔާގެ ގިނަ އަދަދެއްގެ ކޭސްތަކެއް ވަނީ ރިޕޯޓްކޮށްފައެވެ. ޗިކުންގުންޔާ އަކީ ޑެންގޫ ހުން ފަތުރާ މަދީރީގެ ޒަރިއްޔާއިން ޖެހޭ ވައިރަލް ހުމެކެވެ.
މިފަދަ ބަލިތަކުން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އާއި ހެލްތު މިނިސްޓްރީން ދަނީ އިލްތިމާސްކުރަމުންނެވެ.