ޚަބަރު

ދަރިފުޅު ދެކިލަން ކަމަށް ބުނެ ގެއަކަށް ވަދެ ބިރު ދެއްކި މީހަކު ހައްޔަރުކޮށްފި

އައިކާ ޔުނާން ، ދެން އޮންލައިން
ކްރިމިނަލް ކޯޓު/ ފޮޓޯ:ދެން

ދަރިފުޅު ދެކިލަން ކަމަށް ބުނެ ގެއަކަށް ވަންނަން މަސައްކަތް ކޮށް, ބިރު ދެއްކި ކަމަށް ތުހުމަތުވާ މީހަކު ހައްޔަރުކޮށްފިއެވެ.

Ads by Sosun Fihaara

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 32 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދަށް ވަނީ ފަސް ދުވަސް ޖަހައިފަ އެވެ.

ކްރިމިނަލް ކޯޓުން އާންމުކޮށްފައިވާ ބަންދު އަމުރުގައިވާ ގޮތުން, އޭނާއަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވެއެވެ. އަދި އޭނާ ބަންދުގައި ބަހައްޓަން ނިންމާފައިވަނީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ ކަމަށް ބުނެފައިވެއެވެ.

ކޯޓުގައި އޭނާ ވަނީ އޭނާ ވަންނަން މަސައްކަތް ކުރި ގޭގެ އެއްވެސް މީހަކަށް ބިރުދެއްކި ކަމަށް އިންކާރުކޮށްފަ އެވެ. އޭނާ ބުނެފައިވާ ގޮތުގައި އޭނާ އެ ގެއަށް ގޮސްފައިވަނީ އޭނާގެ ދަރިފުޅު ދެކިލުމަށެވެ.

އޭނާ ބުނި ގޮތުގައި, އޭނާ އެ ގޭގެ ދޮރުގައި ފައިން ޖެހުމުން ދޮރަށް ގެއްލުން ލިބުނު ކަމަށާއި އެ ގެއްލުމަށް އޭނާ ބަދަލުދޭން ތައްޔާރަށް ހުރި ކަމަށެވެ. ނަމަވެސް އެ ގޭގެ ދޮރުކަނި ކުރިން ވެސް ހުރީ ހަލާކު ވެފައިވާ ކަމަށް އޭނާ ބުނެފައިވެ އެވެ.

އޭނާގެ މައްޗަށް ކުރަނީ ބިރުދެއްކުމާއި މުދަލަށް ގެއްލުން ދިނުމުގެ ތުހުމަތެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!