ރިޕޯޓް

ގެއްލިގެން ދިޔައީ މޭސްތިރިއެއް، އެކުވެރިއެއް، މޮޅު މެންޓޯއެއް!

ފާރިހާ ޢަދުނާން ، ދެން އޮންލައިން

"މަސައްކަތް ޝައުގުވެރިކަމާއެކު ކުރާ ފުލުހެއް ވަކިވެގެން ދިއުމަކީ ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް. ވަރަށް ހިތާމަ ކުރާ ކަމެއް އެއީ. ވަކިވެގެން އެ ދިޔައީ ކިހާ މުހިންމު މީހެއްކަން އިނގޭނެ ޒިޔާދާއި އެކުގައި މަސައްކަތްކުރި ފުލުހުންނަށް. އެކަން ވަރަށް ފުންކޮށް އެކުގައި މަސައްކަތްކުރި ފުލުހުންނަށް އިހުސާސްވާނެ،" މިއަދު ކުއްލި ގޮތަކަށް ނިޔާވި އުމުރުން 44 އަހަރުގެ ފުލުހުންގެ ޗީފް އިންސްޕެކްޓަރު މުހައްމަދު ޒިޔާދުގެ ވަކިވުން، ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ސިފަކުރީ މިހެނެވެ.

Ads by STELCO

އެއަށް ފަހު ހަމީދު ވިދާޅުވެ ދެއްވީ ހިދުމަތުގައި 26 އަހަރު ހޭދަކުރި އެންމެންގެ 'ޒިޔާދު ސޯ' ގެ ހިވާގިކަމާއި މުރާލިކަމެެވެ. ވިދާޅުވީ ޒިޔާދަކީ އަލަށް ވަޒީފާއަށް ނުކުންނަ ފުލުހުންގެ އަހުލާގު ބައްޓަން ކުރަން ގިނަ މަސައްކަތްތައް ކުރި ނަމޫނާ ފުލުހެއް ކަމަށެވެ.

ހަމީދު ވިދާޅުވި ގޮތުގައި ޒިޔާދަކީ ފުލުހުންގެ ޓްރޭނިންގް ދާއިރާގައި ހަރަކާތްތެރިކޮށް މަސައްކަތްކުރި މުރާލި ފުލުހެކެވެ. އެ އުމުރުގެ އެހެން ފުލުހުންނާއި އަޅާ ބަލާއިރުގައި، ދާއިރާއިން އަވަހަށް ކުރިއެރުން ހޯދި މީހެކެވެ. ފުލުހުންގެ ތެރޭގައި މަގްބޫލް މޫނަކަށް ޒިޔާދުވެފައިވާ އެއް ސަބަބަކީވެސް މިއެވެ.

ޒިޔާދުގެ އަހުލާގު ރަނގަޅު މީހެއްގެ ގޮތުގައި ސިފަކުރީ ހަމައެކަނި ސީޕީ ހަމީދެއް ނޫނެވެ. ޒިޔާދު ނިޔާވީ ހަބަރާއެކެ ސޯޝަލް މީޑިއާގައި، ޒިޔާދު ދަންނަ ހުރިހާ އެންމެން ކަހަލަ ގޮތަކަށް ދައްކަނީ އެ ވާހަކައެވެ. އޭނާގެ ހިތްހެޔޮ ވާހަކައެވެ. އަހުލާގު ރަނގަޅު ވާހަކައެވެ. އެންމެންވެސް ސިފަކުރީ މީހުންނާ ގުޅޭ އެކުވެރި އެއްގެ ގޮތުގައެވެ. މޮޅު މީހެއްގެ ގޮތުގައެވެ. މުދައްރިބެއްގެ ގޮތުގައެވެ.

"އެއީ އަޅުގަނޑުގެ ކުރީގެ އޮޕަރޭޝަންސް ކޮމާންޑާ. ވަރަށް މޮޅު މީހެއް އެއީ. އެމްއެންޑީއެފް ޓްރޭނިންގް ހަދާފައިހުރި ވެޕަން އިންސްޓްރަކްޓަރެއް. ޑައިވް އިންސްޓްރަކްޓަރެއް،" ޒިޔާދުގެ ދަށުން މަސައްކަތްކުރި ފުލުހަކު އޭނާގެ 'ޒިޔާދު ސޯ' ސިފަކުރަމުން ބުނެލީ މި ޖުމްލައެވެ.

ކޮންމެ ތަނަކުން ފެނުނަސް ހިނިތުންވުމަކާއެކު އެއްޗެއް ބުނެނުލާ ޒިޔާދު ނުދާނެ ކަމަށާއި، ގެއްލިގެންދިޔައީ އުނގަންނައިދޭން މަސައްކަތްކުރި، އާއިލާ މީހެއް ފަދަ ރަނގަޅު އެކުވެރިއެއް ކަމަށް ގިނަ ބަޔަކު ޒިޔާދުގެ ވަކިވުން ސިފަކޮށް ސޯޝިއަލް މީޑިއާގައި ޕޯސްޓް ވެސް ކޮށްފައިވެއެވެ.

"ޒިޔާދު އަކީ އަޅުގަނޑުގެ މުދައްރިބެއް. މިއަދު މިހުރި ވަޒީފާގެ ފައުންޑޭޝަން އެއީ. ވަރަށް ރަނގަޅަށް ކަންކަން ބުނެދޭ، ތަމްރީނު ދާއިރާގައި އަޅުގަނޑު ކުރަމުންދާ މަސައްކަތްތަކުގައި ވަރަށް ބޮޑަށް އެހީތެރިވި. މެންޓޯ ކޮށްދިން،"  އަންބަކާއި ތިން ދަރިން ތިބި، ޔާދުގެ ނިޔާވި ހަބަރު ފުލުހުން ހިއްސާކުރި ފޭސްބުކް ޕޯސްޓަކަށް ކޮމެންޓު ކުރި އަލީ ޒަމީރު ނަމަކަށް ކިޔާ މީހަކުގެ އިހުސާސްތައް ހިއްސާކުރަމުން ބުންޏެވެ.

ޑިއުޓީއަށް ދާން ތައްުޔާރުވާން ވެގެން ފާހާނައިން ނިކުތްތަނާހެން ކުއްލިއަކަށް ވެއްޓިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް ނިޔާވި ޒިޔާދު ވަކިވުމުގެ ހިތާމަ ކުރަނީ ފުލުހުން އެކަންޏެއް ނޫނެވެ. ދަންނަ އެންމެންނާއި އެކުގައި މަސައްކަތްކުރި މީހުން ވެސް ހަމަ އެހެނެވެ.

ޒިޔާދަކީ ފުލުހުންގެ ހަނދާނުން ފިލައިގެންދާނެ މޫނަކަށް ނުވާނެއެވެ. ދާއިރާއިން ލިބޭ ކޮންމެ ކުރިއެރުމަކާއެކު، އޭނާގެ އެހީތެރިކަން އެ ފުލުހުން ހަނދާން ހުންނާނެކަން ޔަގީނެވެ.

ޒިޔާދުގެ ކަށުނަމާދު ކޮށްފައިވަނީ މިއަދުގެ އަސުރު ނަމާދަށް ފަހު ހުޅުމާލޭ ސަހަރާ މިސްކިތުގައެވެ.

Ads by HDC
  1. ަެއެކުވެރިޔާ

    ޒިޔާދު ސަރގެ ވަކިވުން އަޅުގަނޑުމެން އެއްމެން ރޮވާލާފި