އަނަސްގެ މަރު: އަންނަ ހޯމަ ދުވަހު މައްސަލަ އިންތިއުނާފަށް ހުށަހަޅަނީ
މާލޭގައި ގްރޫޕަކުން ގޮސް ހަމަލާދީ މަރާލި މުހައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ހިމެނޭ އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން، އަންނަ ހޯމަ ދުވަހުގެ ކުރިން އިސްތިއުނާފު ކުރަން ހުށަހަޅާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.
ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް "ދެން" އަށް ވިދާޅުވީ، އަނަސް މަރުގެ މައްސަލަ އެންމެ ލަސްވެގެން އަންނަ މަހުގެ ހަވަނަ ދުވަހުގެ ކުރިން އިސްތިއުނާފު ކުރުމަށް ހައި ކޯޓަށް ހުށަހަޅާނެ ކަމަށެވެ.
ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ގްރޫޕަކުން ގޮސް ހަމަލާދީ ރ. މީދޫ، ފެންފިޔާޒުގެ އަނަސް މަރާލާފައިވަނީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
މި މައްސަލައިގައި ހަތް މީހަކަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާކުރިއެވެ. އެއީ ލ. ގަން ތުނޑި ނަންނާރިގޭ ޖުނައިހް އަބްދުﷲ އާއި ދަފްތަރު ނަމްބަރު 1746 ސިމާހް މޫސާ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒްގެ އިތުރުން ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނާއި މ. ދިމިޝްގު އުސްމާން ޝަރީފާއި މ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާގު އަދި ތ. ކިނބިދޫ ގުލްފާމްގޭ މުހައްމަދު ޝާޒްގެ މައްޗަށެވެ.
މި މައްސަލާގައި އެ މީހުންގެ މައްޗަށް ދައުލަތުން އުފުލި ދައުވާތައް ސާބިތުވާ މިންވަރަށް ހެކި ނެތް ކަމަށް މިދިޔަ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
އަނަސް އަށް ހަމަލާ ދިނީ މާލޭގައި ހަރަކާތްތެރިވާ ދެ ގޭންގެއް ގުޅިގެންނެވެ. އަނަސް މަރާލާ މަންޒަރު ފެންނަ ވީޑިއޯ އެއް ވެސް އާންމުވިއެވެ.