ރިޕޯޓް

ކެނދިކުޅުދޫ މުބާރާތުގެ އިނާމަކަށް އަރުވާ އެ ރަށުގެ ފަންނީ ނިޝާނެއް

އަލީ ސަމާޙް ، ދެން އޮންލައިން
ކެނދިކުޅުދޫ މުބާރާތުގައި މޭން އޮފްދަ މެޗަށް ދޭ ކަނަމަދު ފުޅި

ކުއާޒޯ ދަ މެންގްރޯވް އައިލެންޑް ފުޓްބޯޅަ ޗެމްޕިއަންޝިޕް 2024 ގެ މެޗުތަކުގައި މޮޅޮވުމަށް ވުރެ ލިބޭ މާ ބޮޑު ޝަރަފެއް އެބައޮތެވެ. ރަށަށް އާމްދަނީ ލިބޭ ރަމްޒު، ކަނަމަދު އަޅާފައި ހުރި ފުޅިއެކެވެ. ފުޅި ޒީނަތްތެރިކޮށްފައިވަނީ ސީދާ ސާދާ، ފަށުވިކޮށް ނަލަކޮށެވެ.

Ads by Sosun Fihaara

މީގެ 70 ފުޅި މުބާރާތަށް ތައްޔާރުކުރިއެވެ. ކޮންމެ ކުޅުންތެރިއަކުވެސް ދައްކަނީ އޭގެ ރީތި ވާހަކައެވެ. ކަނަމަދާ ކެނދިކުޅުދޫއާ ވައްކެއް ނުކުރެވޭނެއެވެ. އެންމެ ހިނގާ އެއްޗަކީ އެޔެވެ. ކައުންސިލުން ބޭނުންވީ ރަށުން ބޭރުގައިވެސް ކަނަމަދު ''ހިންގާލަން'' ށެވެ.

''ކުރީ ޒަމާނުއްސުރެ ކަނަމަދަކީ ކެނދިކުޅުދޫ އަށް ހާއްސަ އެއްޗެއް ގޮތުގައި އަޅުގަނޑުމެން ދެކެމުން އަންނަނީ، ކެނދިކުޅުދޫ އަށް ކަނަމަދަކީ ހާއްސަ އެއްޗެއްކަން ދައްކުވައި ދިނުމުގެ ގިފްޓު (ކަނަމަދު ފުޅި) ދޭން ނިންމީ'' މި ތަފާތު ހިޔާލު އައީ ކިހިނެއްހޭ ސުވާލުކުރުމުން ކެނދިކުޅުދޫ ކައުންސިލު އޮފިސަރު މުހައްމަދު ތަހުލީލް (ތަހޫ) ''ދެން'' އަށް ބުނީ މިހެނެވެ.

އެކަމެއް ފެށީ މީގެ ތިން މަސް ކުރިންނެވެ. މީހުން އަތުން ކަނަމަދު ގަނެ ގެން ފުޅި ފުޅިއަށް އެޅީއެވެ. އެ ފުޅި އަށް އަޅައި ދެން ހުރި ހުރިހާ ކަމެއް ކުރީ އެކަކު ދެ މީހަކު ވެގެނެއް ނޫނެވެ.

އެ ފުޅީގެ ބޭރުގެ އެ ފެންނަ ލިޔުންގަނޑުން ފެށިގެން ގޮސް އެހެރި ރޯނަކީވެސް ބުރަ މަސައްކަތް

''ބޮޑަށް ކައުންސިލުގައި އުޅޭ މީހުން މިކަމުގައި މިއުޅެނީ، ކައުންސިލު މެންބަރުންނާއި ހުރިހާ ސްޓާފުން، ގިވް އަވޭ ތަކާއި ގިފްޓްތައް ތައްޔާރުކުރަން ބޮޑަށް އަންހެން ސްޓާފުން'' މުބާރާތް ރޭވުމުގައި އިސްކޮށް އުޅޭ ތަހޫ ބުންޏެވެ. އަބަދުވެސް ރަށް ޕްރޮމޯޓް ކުރުމުގައި ކެނިދކުޅުދޫ އިން ފެންނަނީ ތަފާތު ތަނަވަސް ހިޔާލުތަކެވެ. ބިނާކުރަނިވި އުކުޅުތަކެވެ.

މެޗް ބަލަންދާ ކޮންމެ މީހަކުވެސް ބޭނުންވަނީ މީގެ ފުޅިއެކެވެ.

''ގޭގައި ބައިންދާލަންވެސް ތީގެ ފުޅިއެއް ދޭށެ އެބަކިޔާ. މިހާރު މި ލިބޭ ސަމާލުކަމުން އަޅުގަނޑުމެންނަށް ހީވަނީ އިކޮނޮމިކަލް ޕްރޮޑަކްޓަށް ވެދާނެހެން،'' ތަހޫ ބުންޏެވެ.

ކެނދިކުޅުދޫ ކައުންސިލުން މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި މުބާރާތުގައި އެކި ރަށްރަށުން 10 ޓީމެއް ބައިވެރިވެއެވެ. ޖުމްލަ 15 ދުވަހަށް ކުރިއަށްދާ މުބާރަތުގެ ފައިނަލް އޮންނާނީ މި މަހުގެ 6 ވަނަ ދުވަހު ހަވީރުއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!