ޚަބަރު

އެމްޓީސީސީން މުވައްޒިފުންގެ ރައްކާތެރިކަމަށް ނުވިސްނާކަމުގެ ތުހުމަތުތަކެއް!

ދެން އެމްވީ ، ދެން އޮންލައިން

ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާ ވައިރަސް ނުވަތަ ކޯވިޑް-19 އިން ރައްކާތެރިވުމަށް ސަރުކާރުންވެސް ގޮވާލާފައިވަނިކޮށް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އިން، އެކުންފުނީގެ މުވައްޒަފުންގެ ރައްކާތެރިކަމަށް ނުވިސްނާކަމުގެ ތުހުމަތުތަކެއް މިއަދު ފެންމަތިވެއްޖެއެވެ.

Ads by MWSC

އެގޮތުން ފޭސްބުކް ޕޭޖަކުން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، އެމްޓީސީސީން ދަނީ މުވައްޒިފުންގެ ރައްކާތެރިކަމަށް ބެލުމެއްނެތި ރަސްމީ ހުރިހާ ވަގުތެއްގައިވެސް މަސައްކަތް ކުރުމަށް މަޖުބޫރު ކުރަމުން ކަމަށެވެ. އަދި އޮފީސް ނިމުމަށްފަހު ޓްރޭނިންގ ސެޝަންތަކެއް ވެސް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް މައުލޫމާތު ލިބޭކަމަށް ވެސް ބުނެފައިވެއެވެ.

އެކަމުގެ ޝަކުވާ މުވައްޒިފުން އިސްވެރިންނަށް ހުށަހެޅުމުން، އެކަމާއި ހާސް ނުވުމަށް ބުނިކަމަށާއި ވަޒީފާއަށް ނިކުތުމަށްވެސް އެންގިކަމަށް ބުނެފައިވެއެވެ.

މީގެއިތުރުން، ގޭގައި މަސައްކަތް ކުރެވޭނެ ކަމަށާއި އަދި ގޭގައި މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު އޮތް ކަމަށާއި އެހެންނަމަވެސް އޭރުން މުސާރައިން ބައެއް ކެނޑޭގޮތަށް ހަދަން އެމްޓީސީސީން ނިންމާފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

މިކަމާއި ގުޅޭގޮތުން "ދެން" އަށް މައުލޫމާތު ދެއްވަމުން އެމްޓީސީސީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެމްޓީސީސީ އަކީ ކުންފުންޏެއް ކަމުން ކުރިއަށް އޮތް ހަފްތާއަށް ސަރުކާރު އޮފީސްތައް ބަންދުކުރަން އަންގާފައިވާ އެންގުން އެކުންފުންޏަށް "އެޕްލައިއެއް ނުވާނެ" ކަމަށެވެ.

އެހެންނަމަވެސް ވަޒީފާގެ ވަގުތު ތަކުގައި މުވައްޒިފުންނަށް ލުޔެއް ދިނުމަށް އެކުންފުނިން ނިންމާފައިވާ ކަމަށާއި ގޭގައި މަސައްކަތް ކުރާ މުވައްޒިފުންގެ މުސާރައިން ބައެއް އުނި ނުވާނެ ކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ.

އެމްޓީސީސީން މިގޮތަށް މަައުލޫމާތު ދިން ނަމަވެސް ސަރުކާރުގެ ބައެއް އެހެން ކުންފުނިތަކުން ދަނީ މުވައްޒަފުންނަށް ވަރަށް ބޮޑެތި ލުއިތަކެއް ދެމުންނެވެ. އެގޮތުން ރޯޑް ކޯޕަރޭޝަނުން ވަނީ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ މަގު ފަހިކޮށްފައެވެ.

ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ކޮންމެހެން ބޭރަށް ދާން ޖެހިއްޖެ ހާލަތެއްގައި މެނުވީ ބޭރަށް ނުނިކުތުމަށާއި ގިނަ މީހުން ޖަމާވާ ތަންތަނަށް ނުދިޔުމަށް ވެސް ސަރުކާރުންވަނީ އިލްތިމާސް ކުރައްވާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!