ޚަބަރު

ކޮވިޑް-19: މާލެ ލޮކްޑައުން ކުރަން އުޅޭ ވާހަކަތައް ސަރުކާރުން ދޮގު ކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ވެރިރަށް މާލެ ސިޓީ ލޮކްޑައުންކޮށް، ފިހާރާތައް ބަންދުކޮށް ހުރިހާ ކަމެއް ހުއްޓޭގޮތަކަށް ކަންކަން ކުރަން އުޅޭ ކަމަށް ބުނެ ފެތުރޭ ހަބަރުތައް ސަރުކާރުން ދޮގު ކޮށްފިއެވެ.

Ads by MWSC

މިރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ކޮވިޑް-19 ފެތުރުނުނަ ނުދިނުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުން މާދަމައިން ފެށިން މިމަހުގެ 26 ގެ ނިޔަލަށް ސަރުކާރު ބަންދުކުރުމަށް ނިންމާފައިވާތީ ބައެއް ފަރާތްތަކުން މާލެ ލޮކްޑައުންކުރަން އުޅޭނީކަމަށްބުނެ ވާހަކަ ދައްކަމުންދާކަމަށެވެ.

ނަމަވެސް މިހާތަނަށް މާލެ ލޮކްޑައުންކޮށް، މާލޭގައި އާންމު ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ވިއްކާ ފިހާރައް ބަންދުކުރުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅުއްވާކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި އެފަދަ މަޝްވަރާއެއްވެސް ސަރުކާރުން މިހާތަނަށް ކުރައްވާފައިނުވާކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކޮވިޑް-19 އިން ރައްޔިތުން ރައްކާތެރިކުރުމަށް ސަރުކާރުން ނިންމާ ކޮންމެ ނިންމުމެއް ހާމަކުރަމުންދާނެކަމަށެވެ. އަދި މާދަމައިންފެށިގެން ސަރުކާރުން ބަންދުކުރުމަށް ނިންމާފައިވާ އެންމެބޮޑު މަޤްޞަދަކީ ކޮވިޑް-19 ފެތުރުނަނުދިނުންކަމަށެވެ. އަދި މާދަމައިން ފެށިގެން އެންމެންވެސް ގޭގައި މަޑުކޮށް، ކަމާއިބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދުތަކަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރައްވާފައެވެ.

މިދަނޑިވަޅަކީ ކޮންމެހެން މަޖުބޫރުވެގެން ނޫނީ ގެއިންނިކުމެ އެކި ތަންތަނަށް ދާންވީ ވަގުތުނޫންކަމަށްވެސް މަބުރޫކް ވިދާޅުވިއެވެ. އަދި ސަރުކާރު ބަންދުވުމަކީ އެއްވެސް މީހަކަށް ދެވުނު ޗުއްޓީއެއްކަމަށް ނުދެކި، ޞިއްޚީގޮތުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅު އަޅައި ގޭގައި ތިބުމަށް މަބުރޫކްވަނީ ތަކުރާރުކޮށް އިލްތިމާސް ކުރައްވާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!