ދިއްލީގެ ބައްދަލުވުމަށް ފަހު ވެސް މެއި 10 އަށް ސިފައިން ފޮނުވޭނެ ކަމުގެ ޔަގީންކަން
މި މަހު 10 ވަނަ ދުވަހުގެ ކުރިން، އިންޑިއާ ސިފައިން ފޮނުވާލައި އޭގެ ބަދަލުގައި މަދަނީ ހިދުމަތްތެރިން ގެނެސްގެން އިންޑިއާއިން ހަދިޔާކުރި އުޅަނދުތައް އޮޕަރޭޓްކުރާ ގޮތަށް ހަމަޖައްސަން މަޝްވަރާކޮށް އަނެއްކާ ވެސް އެ ކަމުގެ ޔަގީންކަން އިންޑިއާއިން ދީފައިވާ ކަމަށް ދިވެހި ސަރުކާރުން ބުނެފި އެވެ.
އިންޑިއާ ސިފައިން ފޮނުވާލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
އެ މަސައްކަތަށް ދިވެހި ހާރިޖިއްޔާ އާއި އިންޑިއާގެ ހައި ލެވެލް ކޯ ގްރޫޕެއް އެކުލަވާލައި މަޝްވަރާ ބައްދަލުވުންތަކެއް މިއަދު ގެންދިޔައީ އިންޑިއާގެ ވެރިރަށް ނިއު ދިއްލީގަ އެވެ. މިއީ މި ގްރޫޕްގެ ހަތަރުވަނަ ބައްދަލުވުމެވެ.
މި ބައްދަލުވުމުގައި ވެސް މެއި 10 ގެ ކުރިން މަސައްކަތް ނިމޭނެ ކަމަށް އިންޑިއާއިން ޔަގީން ކަން ދިން ކަމަށް ބުނެ ދިވެހި ފޮރިން މިނިސްޓްރީން ބަޔާނެއް މިއަދު ނެރުނެވެ.
އިންޑިއާ ސަރުކާރުން ވެސް ބަޔާނެއް ނެރުނެވެ. އެކަމަކު އެ ބަޔާނުގައި އިންޑިއާ ސިފައިން ފޮނުވާލުމުގެ ވާހަކަ ލިޔެފައެއް ނެތެވެ. އެކަމަކު އިންޑިއާއިން ފޯރުކޮށްދެމުންދާ އިންސާނީ ހިދުމަތްތައް ދިވެހި ސަރުކާރުން ބޭނުންވާ ގޮތަށް ކުރިއަށް ގެންދަން މަޝްވަރާ ކުރެވުނު ކަން ފާހަގަ ކޮށްފައިވެ އެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ފުރަތަމަ ބެޗު މާޗު މަހުގެ ކުރީކޮޅު ގޮސްފައިވާއިރު ދެވަނަ ބެޗު ދިޔައީ މިދިޔަ މަހުއެވެ.
ރާއްޖޭގައި އިންޑިއާގެ ތިން އުޅަނދެއް އޮޕަރޭޓްކުރެއެވެ. ފުރަތަމަ ހެލިކޮޕްޓަރު ގެނައީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. ދެވަނަ ހެލިކޮޕްޓަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޔާމީނުގެ ވެރިކަމުގައި ގެނައިިރު، ޑޯނިއޯ މަތިންދާބޯޓު ގެނެސްފައިވަނީ ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގަ އެވެ.