ކޮވިޑް19: ކޮރޯނާ ވައިރަސް 3 ދުވަސް ވަންދެން ޕްލާސްޓިކްގައި އަދި ދަގަނޑުގައި މަރުނުވެ ހުރޭ
ކޮރޯނާ ވައިރަސް ތިން ދުވަސް ވަންދެން ޕްލާސްޓިކާއި ދަގަނޑުގައި މަރުނުވެ ހަރުލާ ހުންނަ ކަމަށް ވައިރަހުގެ ނުރައްކާތެރިކަން ހޯދުމަށް ކުރި ފަހުގެ ދިރާސާއަކުން ދައްކައިފިއެވެ.
ދަ ނިއު އިންގްލޭންޑް ޖާރނަލް އޮފް މެޑިސިން ގައި ޕަބްލިޝްކޮށްފައިވާ މި ރިޕޯޓުގައި ވާ ގޮތުން ކޮވިޑް19 ބަލި ޖައްސާ ވައިރަސްކަމަށްވާ ސާރސްކޮވް-2 ވައިގެ ތެރޭގައި ވެސް ތިން ގަޑިއިރު ހުރެއެވެ. އަދި ކޮޕަރ ގައި 4 ގަޑިއިރުގެ އިތުރުން ޕްލާސްޓިކާއި ސްޓެއިންލެސް ސްޓީލްގައި 3 ދުވަހު ހުންނަ ކަމަށް މި ދިރާސާ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
މިއާއެކު ވައިރަހުގެ ނުރައްކާތެރިކަން އިތުރަށް ހާމަވެެގެންދާ ކަމަށް ގިނަ މާހިރުން ބުނެފައިވެއެވެ. އަދި އާންމުކޮށް ހިފާ ގެންގުޅޭ ސާމާނާއި ހޮސްޕިޓަލުގައި ބޭނުން ކުރާ އެއްޗެހިންވެސް ވައިރަސް ފެތުރުމުގެ ފުރުސަތު ބޮޑުކަމަށް އެ ފަރާތްތަކުން ބުނެއެެވެ. ވައިގެ ޒަރީއާއިން ވައިރަސް ފެތުރުމުގެ ފުރުސަތު ވަރަށް ކުޑަކަމުގައިވެސް މާހިރުން އިތުރަށް ބުނެފައިވެއެވެ.
މީގެ ކުރިން ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ ޑަބްލިޔުއެޗްއޯ އިން ބުނެފައިވަނީ ވައިގެ ޒަރީއާއިން އެއްވެސް ވަރަކަށް ވައިރަސް ނުފެތުރޭ ކަމަށެވެ. ނަމަވެސް މި ދިރާސާއިން ދައްކާ ގޮތުގައި ބަލި ޖެހިފައި ހުންނަ މީހަކު ކެއްސާ ނުވަތަ ކިނބިހި އެޅުމުން ވައިގެ ޒަރީއާއިން ވައިރަސް ފެތުރުމުގެ ފުރުސަތު ކުޑަކޮށް ނަމަވެސް އޮވެއެވެ.
ނަމަވެސް ވައިރަސް ވައިގެ ތެރޭގައި އެހާ ގިނައިރު ނުހުންނަ ކަމަށާއި އޭގެ ސަބަބުން އަނެކާގެ ހަށިގަނޑަށް ވައިރަސް ވަނުމުގެ ފުރުސަތު ކުޑަވެއެވެ. އެންމެ ގިނަ ވެގެން ވެސް ވައިރަސް ވައިގެ ތެރޭގައި ހަރުލާ ހުންނަނީ 30 މިނެޓުކަމަށް ވެފައި ބަލި ޖެހިފައި ހުރި މީހަކާއި ގާތުން ކޮންޓެކްޓު ނުވާނަމަ އެމީހަކަށް މާ ބޮޑު ނުރައްކަލެއް ނެތެވެ.
ނުރައްކާ ކުޑަނަމަވެސް އެންމެ ރައްކާތެރި ގޮތަކީ ވައިރަހުން ރައްކާތެރިވުމަށް އެޅެންހުރި ހުރިހާ ފިޔަވަޅެއް އެޅުމެވެ. އެގޮތުން ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވެ ސާފުތާހިރު ކަމަށް ސަމާލުކަންދީ މީހުން ގިނައިން އެއްވާ ތަންނަށް ނުދިއުމަށް ޑޮކްޓަރުން އިރުޝާދުދެއްވައެވެ.