މެގަޓްރޯން މޮޓޯސްގެ ވެހިކަލް ސްކޭމްގައި އިތުރު ބަޔަކު ޖެހުނުތޯ ބަލަނީ

ގަޑި ވިއްކުމުގައި މަޝްހޫރުކަން ހޯދި މޯލްޑިވްސް ވޭވްގެ ކުންފުންޏަކުން ވެހިކަލް ގެނެސްދޭނެ ކަމަށް ބުނެ، މަކަރާއި ހީލަތުން އޮޅުވާލައިގެން ގިނަ ބައެއްގެ އަތުން ފައިސާ ހޯދި މައްސަލައިގައި އިތުރު ބަޔަކު އެ ކުންފުންޏަށް ފައިސާ ދައްކައިފައިވޭތޯ ބަލަން ފުލުހުން ފަށައިފިއެވެ.
ވެހިކަލް ގެނެސްދޭނެ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ނަގަމުންދާ ކަމުގެ ތުހުމަތު ކުރެވެނީ ''މެގަޓްރޯން މޮޓޯސް މޯލްޑިވްސް ވޭވް އިންޓަނޭޝަނަލް'' ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ. އެއީ މޯލްޑިވްސް ވޭވް ކުންފުނީގެ ސަބްސިޑަރީއެކެވެ.
ފުލުހުން މިއަދު ބުނީ މެގަޓްރޯން މޮޓޯރސް މޯލްޑިވްސް ވޭވް އިންޓަރނޭޝަނަލް އަށް ތުހުމަތުކުރެވޭ މައްސަލާގައި އިތުރު މީހުންގެ އަތުން ފައިސާ ނަގާފައިވޭތޯ ބަލަން ބޭނުންވާ ކަމަށެވެ.
އެކުންފުންޏަށް ވެހިކަލް ގެނައުމުގެ ގޮތުން ފައިސާ ދައްކަވާފައިވާ ފަރާތެއް ވާނަމަ 2024 މެއި 30 ވަނަ ދުވަހުގެ ކުރިން އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
އެ ކުންފުނިން ވެހިކަލް ގަންނަން ފައިސާ ދެއްކި މީހުންނަށް ކާރު ނުލިބި ގިނަ ދުވަސްވާތީ، މި ފަހުން ސޯޝަލް މީޑިއާގައި ވެސް އޭގެ ޝަކުވާތައް ވަނީ ބަންޑުންކޮށްފައެވެ. ކާރު ގެނެސްދިނުމުގެ ނަމުގައި މޯލްޑިވްސް ވޭވް ކުންފުނިން ވަނީ އެކި މީހުންގެ އަތުން 50 މިލިއަނެއްހާ ރުފިޔާ ނަގާފައިވާ ކަމަށް ބައެއް މީހުން ބުނެފައިވެއެވެ.