ޚަބަރު

51 އިންޑިއާ ސިފައިން އަނބުރާ ފޮނުވާލައިފި

އައިކާ ޔުނާން ، ދެން އޮންލައިން

މިހާތަނަށް ރާއްޖޭގައި ގާއިމްވެ ތިބި އިންޑިއާގެ 51 ސިފައިން އަނބުރާ ފޮނުވާލެވިފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.

Ads by MWSC

ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިސްތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ, ދެ ޕްލެޓްފޯމަކުން ޖުމްލަ 51 ސިފައިން އަނބުރާ ގޮސްފައިވާ ކަމަށެވެ.

ހީނާ ވިދާޅުވީ, މި މަހުގެ 10 ގައި ބާކީ ތިބި މީހުން ފޮނުވާލާނެ ކަމަށާއި އިތުރު ތަފްސީލްތައް ހާމަ ކުރާނީ ހުރިހާ އެންމެން ފުރުވާލެވުމުން ކަމަށެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ފުރަތަމަ ބެޗު މާޗު މަހުގެ ކުރީކޮޅު ގޮސްފައިވާއިރު ދެވަނަ ބެޗު ދިޔައީ މިދިޔަ މަހުއެވެ. ބާކީ ތިބި އިންޑިއާގެ ސިފައިން މި މަހު 10 ގައި އަނބުރާ ފޮނުވާލާނެއެވެ.

ރާއްޖޭގައި އިންޑިއާގެ ތިން އުޅަނދެއް އޮޕަރޭޓްކުރެއެވެ. ފުރަތަމަ ހެލިކޮޕްޓަރު ގެނައީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. ދެވަނަ ހެލިކޮޕްޓަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ގެނައިިރު، ޑޯނިއާ މަތިންދާބޯޓު ގެނެސްފައިވަނީ ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގަ އެވެ.

ރާއްޖެ އަށް އިންޑިއާ އިން ހަދިޔާ ކޮށްފައިވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓު ދުއްވަން ގެނެސްފައި ތިބި އިންޑިއާގެ ސިފައިން ބޭލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ދެ ގައުމުން އެކަމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނީ އިންޑިއާގެ ސިފައިންގެ ބަދަލުގައި އެ ތިން އުޅަނދު ދުއްވަން ތިބޭނީ އެ ގައުމުގެ ސިވިލިއަނުން ކަމަށެވެ. އެހެންވެ، ބާލަމުންދާ އިންޑިއާ ސިފައިންގެ ބަދަލުގައި މިހާރު ގެނެސްފައި ވަނީ އިންޑިއާގެ ސިވިލިއަނުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!