ޚަބަރު

ގިރާވަރުން ދޫކުރި ގޯތި ގުޅީފަޅަށް ބަދަލުކުރުމުގެ ފުރުސަތު އަނެއްކާވެސް ހުޅުވާލައިފި

ފާރިހާ ޢަދުނާން ، ދެން އޮންލައިން
ގިރާވަރު ލޭންޑް ޔޫސް ޕްލޭން

ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުން ދޫކޮށްފައިވާ ގޯތިތައް، ގުޅީފަޅަށް ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު އަނެއްކާވެސް ހުޅުވާލައިފިއެވެ.

Ads by Hajj Corporation

ގިރާވަރުފަޅު އަދި ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން ބަދަލު ކުރުމަށްފަހު ސަރުކާރުން ނިންމީ 1347 ގޯތި ގިރާވަރުފަޅުން ގުޅީފަޅަށް ބަދަލު ކުރުމަށެވެ. އެއީ 1250 އަކަފޫޓުގެ 193 ގޯއްޗާއި, 1650 އަކަފޫޓުގެ 663 ގޯއްޗާއި, 2050 އަކަަފޫޓުގެ 487 ގޯއްޗާއި, 2450 އަކަފޫޓުގެ ހަތަރު ގޯއްޗެވެ.

ހައުސިންގް މިނިސްޓްރީއިން މިއަދު ވަނީ 1250 އަދި 1650 އަކަފޫޓުގެ އިތުރު ގޯތިތައް ގިރާވަރުފަޅަށް ބަދަލުކުރަން ނިންމައި، އެކަމަށް އިއުލާނު ކޮށްފައެވެ. އެގޮތުން، 1250 އަކަފޫޓުގެ އިތުރު ތިން ގޯތި އަދި 1650 އަކަފޫޓުގެ އިތުރު 20 ގޯތި ގުޅީފަޅަށް ބަދަލުކުރަން އިއުލާނުކޮށްފައިވެއެވެ.

ގޯތި ބަދަލުކުރުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ އަންނަ ހޯމަ ދުވަހުގެ ރޭ 11:00ގެ ނިޔަލަށެވެ.

މީގެކުރިން ގޯތި ބަދަލުކުރަން ހުޅުވާލި ފުރުސަތުގައި 1،913 ފޯމު އެކަމަށް އެދި ހުށަހަޅާފައިވެއެވެ. އޭގެތެރޭގައި، 1250 އަކަފޫޓުގެ 928 ގޯއްޗާއި 1650 އަކަފޫޓުގެ 769 ގޯއްޗާއި 2050 އަކަފޫޓުގެ 213 ގޯއްޗާއި 2450 އަކަފޫޓުގެ ތިން ގޯތި ބަދަލުކުރަން ހުށަހަޅާފައިވެއެވެ. އަދި އެ ފުރުސަތުގައި 2450 އަދި 2050 އަކަފޫޓުގެ ގޯތި ބަދަލު ކުރަން ހުށަހެޅި އަދަދު ދަށްވުމުގެ ސަބަބުން، މި މަސް ތެރޭގައި އިތުރު ފުރުސަތަކަށް ވެސް ހައުސިން މިނިސްޓްރީން ހުޅުވާލިއެވެ.

ސަރުކާރުން ކުރިން ބުނެފައި ވަނީ ކަނޑައަޅާފައިވާ އަދަދަށްވުރެ އިތުރަށް ގޯތި ބަދަލު ކުރަން ހުށަހަޅާފައިވާ ނަމަ ނަގާނީ ގުރެއް ކަމަށެވެ. ނަމަވެސް، ގުރު ނެގުން އޮންނާނެ ދުވަހެއް އާންމުކޮށްފައެއް ނުވެއެވެ.

ހައުސިން މިނިސްޓްރީން ކުރިން ބުނީ، ގުޅީފަޅަށް ގޯތި ބަދަލު ކުރަނީ ކުރިން ކަނޑައަޅާފައިވާ ވަރަށް ގޯތި ދޭން ޖާގަ ގިރާވަރުފަޅުގައި ނެތިގެން ކަމަށެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!