ޚަބަރު ސަރުކާރު

ޓެކްސް ކޮމިޝަނަރުގެ މަގާމަށް ޒަރީރު ހަމަޖައްސަން ކޮމިޓީން ފާސްކޮށްފި

ފާރިހާ ޢަދުނާން ، ދެން އޮންލައިން
ހަސަން ޒަރީރު

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ކުރީގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޓެކްސޭޝަން ހަސަން ޒަރީރު އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީން ރުހުން ދީފިއެވެ.

Ads by STELCO

ޓެކްސް ކޮމިޝަނަރުގެ މަގާމު ހުސްވެފައިވާތީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދެ ނަމެއް މަޖިލީހަށް ހުށަހަޅުއްވާފައެވެ. އެއީ ކުރިން އެ މަގާމުގައި ހުންނެވި ޔަޒީދު މުހައްމަދުގެ ނަމާއި، ޒަރީރުގެ ނަމެވެ.

މި ހުށަހެޅުމާއި ގުޅިގެން މަޖިލީހުގެ އިގްތިސާދީ ކޮމިޓީއިން ވަނީ ދެ ބޭފުޅުންނާއި ވެސް އިންޓަވިއު ކޮށްފައެވެ. އަދި އެއަށް ފަހު ވަކިވަކިން ދެ ބޭފުޅުންނަށް ރުހުން ހޯދަން ވޯޓު ނެގިއެވެ. އެ ވޯޓުން ޒަރީރަށް ރުހުން ދިނުމަށް ފާސްވެފައިވަނީ 10 މެންބަރުންގެ ވޯޓުންނެވެ. ޔަޒީދު އައްޔަން ކުރެއްވުމަށް ވޯޓު ދެއްވީ ހަތަރު މެންބަރުންނެވެ.

ޒަރީރަށް ރުހުން އޮތް ކަމަށް ކޮމިޓީން ފާސްކުރިއިރު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑައިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަންގެ މަގާމަށް އޭނާ ވަނީ އައްޔަންކޮށްފައެވެ.

ޓެކްސް ކޮމިޝަނަރަށް އައްޔަނުކުރަން ފޮނުއްވި ޔަޒީދާއި ޒަރީރުގެ މަގާމު ގެއްލުނީ، 2019ވަނަ އަހަރު އޭރުއޮތް ސަރުކާރުން ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް ގެނައި އިސްލާހަކާ ގުޅިގެންނެވެ.

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ހުންނެވި ފަތުހުﷲ ޖަމީލް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!