ސަރުކާރު

އިގްތިސާދީ ބިޔަ ދެ މަޝްރޫއުއެއް ދުބާއީގެ ކުންފުންޏަކަށް

ފާރިހާ ޢަދުނާން ، ދެން އޮންލައިން
ދުބާއީގެ ކުންފުންޏާއި ދެ މަޝްރޫއު ހަވާލުކުރުމުގެ ތެރެއިން، ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުތައް ތަރައްގީކުރުމުގެ ބިޔަ ދެ މަޝްރޫއުއެއް އިންޝުއަރެންސާއި ކޮމާޝަލް ރިއަލް އެސްޓޭޓުގެ އިތުރުން ކޯޕަރޭޓް ޓްރެއިނިން ދިނުމުގައި ދުބާއީގައި މަޝްހޫރު ކުންފުނި، އިންޓަނޭޝަނަލް ފްރީ ޒޯން އޮތޯރިޓީ (އިފްޒާ) އާ މިއަދު ހަވާލުކޮށްފިއެވެ.

Ads by Sosun Fihaara

މީރުމާ ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. އިފްޒާގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗެއާމަން މާޓިން ޕެޑަސަންއެވެ.

އިފްޒާއާ ހަވާލުކޮށްފައިވަނީ، ކ. ފުނަދޫގައި އަޅާ ސްޕެޝަލް އިކޮނޮމިކް އެންޑް ފައިނޭޝަލް ޒޯނާއި ހއ. ހޯރަފުށީގެ ފަޅުގައި ހަދާ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ ހެދުމަށެވެ. އަދި ހޯރަފުށީގެ އިކޮނޮމިކް ގޭޓްވޭ މަޝްރޫއުގެ ތެރެއިން އިފްޒާގެ ތަޖުރިބާގެ ބޭނުންކޮށް އިންވެސްޓަރުން ގެނައުމުގެ މަސައްކަތް ކުރެވިގެންދިއުން ވެސް އެ އެއްބަސްވުމުގައި ހިމެނިފައިވެއެވެ.

މި އެއްބަސްވުމުގެ ދަށުން ކ. ފުނަދޫ މާލީ ހަބެއްގެ ގޮތުގައި ތަރައްގީ ކުރެވޭނެއެވެ. އެގޮތުން އެރަށުގައި ގާއިމްކުރާ ފައިނޭންޝަލް ސެންޓަރު ތަރައްގީ ކުރެވިގެންދާނެއެވެ. އަދި މާލެއާއި ހުޅުލެ ދޭތެރޭ ބްރިޖަކުން ގުޅާލުމުގެ މަސައްކަތް އިފްޒާގެ ހަރަދުގައި ކުރެވޭނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ފުނަދޫ ތަރައްގީކޮށް ނިމޭ އިރު، ހުޅުލެއާއި މާލެ ބްރިޖަކުން ގުޅުވާލެވޭނެ ކަމަށެވެ. އަދި އަމާޒަކީ، މި އަހަރުގެ ތެރޭގައި އެ ޕްރޮޖެކްޓްގެ މަސައްކަތް ފަށުން ކަމަށް ވިދާޅުވިއެވެ.

މި ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން އިފްޒާ ކުންފުނީގެ ޗެއާމަން މާޓިން ގްރެގާސް ޕެޑެސެން ވިދާޅުވީ، މިމަޝްރޫއުގެ ދަށުން އިންވެސްޓަރުންނާއެކު މަސައްކަތްކޮށްގެން އިފްޒާގެ ފަރާތުން ރާއްޖެއަށް ގިނަ އިންވެސްޓްމެންޓުތަކެއް ހޯދައި ދެވޭނެ ކަމަށެވެ.

"މި ޕްރޮޖެކްޓްގެ ތެރެއިން ރާއްޖޭގެ އިގްތިސާދަށް އިންގިލާބީ ބަދަލެއް އަންނާނެ. މި ބަދަލު ފެންނާނީ ދުނިޔޭގެ ފެންވަރުގެ އިންފްރާސްޓްރަކްޗާ ގާއިމްކޮށްގެން،"

މާޓިން ވިދާޅުވީ، މި ޕްރޮޖެކްޓްގެ ދަށުން ކޮންފަރެންސް ސެންޓަރަކާއި ހޮޓެލާއި ރިއަލް އެސްޓޭޓް ގާއިމް ކުރާނެ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!