ކެފޭއެއްގެ ބަދިގެއިން ދުން ލީކުވެގެން ހަތް މީހަކަށް ފަރުވާ ދެނީ

މާލޭގައި ހުރި ކެފޭއެއްގެ ބަދިގޭގެ ދުންހޮޅިން ބަދިގެތެރެއަށް ދުން ލީކުވެގެން ހަތް މީހަކަށް ފަރުވާ ދޭން ފަށައިފި އެވެ.
ފުލުހުން މިއަދު ހެނދުނު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ, ބޮޑުރަސްގެފާނު މަގުގައި ހުރި ކެފޭއެއްގެ ބަދިގޭގެ ދުންހޮޅިން ބަދިގެ ތެރެއަށް ދުން ލީކުވެގެން ހަތް ބިދޭސީއަކު އަނބުރައިގަނެގެން އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ.
މިއަދު ފަތިހު 05:50 ހާއިރު ހިނގި މި ހާދިސާގައި އެކަކަށް ވެސް ސީރިއަސް އަނިޔާއެއް ވެފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ, ފަރުވާ ދޭ މީހުންގެ ތެރޭގައި ހިމެނެނީ ލަންކާ މީހަކާއި އިންޑިއާ މީހަކާއި ބަންގްލަދޭޝްގެ ދެ މީހުންގެ އިތުރުން ނޭޕާލަށް ނިސްބަތްވާ ތިން މީހުން ކަމަށެވެ.
ފުލުހުން ބުނީ މީގެ ތެރެއިން އެކަކަށް ފަރުވާ ދެމުން އަންނަނީ އޭޑީކޭ ހޮސްޕިޓަލުގައި ކަމަށެވެ.
ފުލުހުން އަންނަނީ މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންނެވެ.