ދުނިޔެ

އީރާނުގެ ޗަބަހާރު ބަނދަރު ހިންގަން އިންޑިއާއިން 10 އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އީރާނުގެ ޗާބަހާރު ބަނދަރު ތަރައްގީކޮށް ހިންގުމަށް އިންޑިއާއިން އީރާނާ އެކު 10 އަހަރުގެ އެއްބަސްވުމެއްގައި ސޮއިކުރީ މެދުއިރުމަތީގެ ސްޓްރެޓެޖިކް ގައުމަކާއެކު ގުޅުން ބަދަހިކުރަމުން ކަމަށް ނަރެންދުރަ މޯދީގެ ސަރުކާރުން ބުނެފި އެވެ.

Ads by Sosun Fihaara

ގަލްފް އޮފް އޮމާންގައި އީރާނުގެ ދެކުނުއިރުމަތީ އައްސޭރިފަށުގައި އޮންނަ ޗާބަހާރުގައި އިންޑިއާއިން ބަނދަރު ތަރައްގީ ކުރަމުން ދަނީ ވާދަވެރި ޕާކިސްތާނުގެ ކަރާޗީ އާއި ގްވާދާރުގެ ބަނދަރު ބައިޕާސްކޮށް އީރާނާއި އަފްޣާނިސްތާނާއި މެދުތެރޭ އޭޝިއާގެ ގައުމުތަކަށް މުދާ އުފުލުމުގެ ގޮތުންނެވެ.

ނަމަވެސް އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ބަނދަރު ތަރައްގީކުރުން މަޑުޖެހުނެވެ.

"ޗާބަހާރު ބަނދަރުގެ މުހިންމުކަން، އިންޑިއާ އާއި އީރާނާ ދެމެދު އޮންނަ ހަމައެކަނި ބަނދަރެއްގެ ގޮތުގައި އަދާކުރާ ދައުރަށް ވުރެ މާ ބޮޑު. މިއީ އަފްޣާނިސްތާނާއި މެދުތެރޭ އޭޝިއާގެ ގައުމުތަކާ އިންޑިއާ ގުޅުވައިދޭ މުހިންމު ވިޔަފާރީގެ އާޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރާ ކުންފުންޏެއް،" އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ފަހު ތެހެރާނުގައި އިންޑިއާގެ ޝިޕިން މިނިސްޓަރު ސަރްބާނަންދް ސޮނޮވާލް ވިދާޅުވި އެވެ.

"މި ގުޅުމުގެ ސަބަބުން މުޅި ސަރަޙައްދުގައި ވިޔަފާރީގެ ދާއިރާއާއި ސަޕްލައި ޗެއިން ރެޒިލިއަންސަށް އިތުރު މަގުތަކެއް ހުޅުވިގެން ހިނގައްޖެ."

އެމެރިކާގެ ޚާރިޖީ ވުޒާރާގެ ޑެޕިއުޓީ ސްޕޯކްސްޕާސަން ވެދާންތު ޕަޓޭލް މި އެއްބަސްވުމާ ބެހޭގޮތުން ނޫސްވެރިންސުވާލު ކުރުމުން ވިދާޅުވީ އީރާނާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އަދިވެސް ދެމިއޮންނާނެ ކަމަށާއި ވޮޝިންޓަނުން އެ ފިޔަވަޅުތައް ތަންފީޒު ކުރަމުން ގެންދާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށެވެ.

ޕަޓޭލް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ، އީރާނާ އެކު ވިޔަފާރީގެ މުއާމަލާތްތަކާ މެދު ވިސްނާ ކޮންމެ ފަރާތެއް ވެސް، އެ ފަރާތްތަކާ މެދު ވިސްނަން ޖެހޭ ކަމަށެވެ.

އިންޑިއަން ޕޯޓްސް ގްލޯބަލް ލިމިޓެޑް (އައިޕީޖީއެލް) އާއި އީރާނުގެ ޕޯޓް އެންޑް މެރިޓައިމް އޯގަނައިޒޭޝަނާ ދެމެދު ދިގު މުއްދަތުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް ދެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެ އެވެ.

މި އެއްބަސްވުމުގެ ދަށުން އައިޕީޖީއެލް އިން ގާތްގަނޑަކަށް 120 މިލިއަން ޑޮލަރު އިންވެސްޓްކުރާނެ ކަމަށާއި ފައިނޭންސިންގެ ގޮތުގައި އިތުރު 250 މިލިއަން ޑޮލަރު ލިބޭނެ ކަމަށާއި، އެއްބަސްވުމުގެ އަގު 370 މިލިއަން ޑޮލަރަށް އަރާނެ ކަމަށް އީރާނުގެ ރޯޑްސް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު މެހެރްދާދު ބަޒްރުޕާޝް ވިދާޅުވި އެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!