ޚަބަރު

އާ ސަހަރާގެ މަސައްކަތް ނިންމަން އާ ބަޔަކަށް ހަވާލުކޮށްފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ސިޓީ ކައުންސިލުން އާ ސަހަރާގެ މަސައްކަތް ކުންފުންޏަކަށް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަނީ - ފޮޓޯ: މާލެ ސިޓީ ކައުންސިލް

މާލޭގެ އާ ސަހަރާ މާރާމާތަށް ކަމަށް ބުނެ ކުރަން ކަމަށް ބަޔަކަށް ކުރިން ދިން ނަމަވެސް މަސައްކަތް ކުރިއަށް ނުގޮސް މަޑުޖެހިފައި އޮތުމަށް ފަހު ފިނިޝިން މަސައްކަތް ކުރަން އާ ބަޔަކަށް މިއަދު ހަވާލުކޮށްފި އެވެ.

Ads by Hajj Corporation

މާލޭގައި މަރުވާ މީހުންގެ ކަށުކަމާކެމީގެ ކަންކަން ކުރާ މިސްކިތާއި ސަހަރާ މަރާމާތަށް އެ ސަރަހައްދު ބަންދުކޮށް މަސައްކަތް ފެށީ މެއި، 2023 ގަ އެވެ. އެކަމަކު އެ ތަނުގައި ހުރި އިމާރާާތްތައް ތަޅާލުމާއި ކޮންކްރީޓް ތަނބުތަކެއް ޖެހުން ނޫން މަސައްކަތެއް ކުރެވިފައެއް ނުވެ އެވެ.

މި މަޝްރޫއަށް ކައުންސިލުން އޭރު ފާސްކުރި ބަޖެޓަކީ 4.9 މިލިއަން ރުފިޔާ އެވެ. މިހާރު ކުރެވިފައިވާ މަސައްކަތްތަކަށް، ކޮންޓްރެކްޓަރަށް 3.9 މިލިއަން ރުފިޔާ ދިނުމަށް ފަހު މަސައްކަތް އެއްކޮށް ނުނިމެނީސް ކޮންޓްރެކްޓް އޮތީ ބާތިލުކޮށްފަ އެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު އެ މަސައްކަތް ނިންމަން ހަވާލުކުރީ ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާ އެވެ. އެއީ ދެ މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 2.7 މިލިއަން ރުފިޔާއަށެވެ.

ސިޓީ ކައުންސިލުން މިއަދު ވަނީ އިތުރު އެހެން ދެ މަސައްކަތެއް ކުރުމަށް ވެސް އެއްބަސްވުމުގައި ސޮއިކޮށް ބަޔަކަށް ހަވާލުކޮށްފަ އެވެ.

އެ ގޮތުން ޅުމާލެ ސަހަރާ މިސްކިތުގައި ނޮވިލޮން އެޅުމުގެ މަސައްކަތް، އެރިސް ޑެކާ ކިޔާ ކުންފުންޏަކަށް ވަނީ ހަވާލުކޮށްފަ އެވެ. އެއީ ފަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 185004 ރުފިޔާއަށެވެ.

އަދި މާފަންނު މަދަރުސާގެ މަރާމާތު މަސައްކަތް، ޕްރޮޑަކްޓިވް ލޯކަލް އިންވެސްޓްމެންޓް ކިޔާ ކުންފުންޏަކަށް ހަވާލުކުރީ 11 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 432000 ރުފިޔާއަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!