ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ނެރުނު ރީނދޫ ސަމާލު ދަންމާލައިފި
ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް މިއަދު ހެނދުނު ނެރުނު ރީނދޫ ސަމާލު، މިއަދުގެ މެންދުރާއި ހަމައަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ދަންމާލައިފި އެވެ.
ރީނދޫ ސަމާލު ނެރެފައިވަނީ ބ. އަތޮޅުން ފެށިގެން ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ސިޓީއާ ހަމައަށެވެ. މި ސަރަހައްދަށް ސަމާލު ނެރެފައިވަނީ މިއަދުގެ 14:30 ގެ ނިޔަލަށެވެ.
އެ ވަގުތުގައި ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
ހުޅަނގު މޫސުމުގެ ބާރު ގަދަވެ، ހޯމަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ސަރަހަދަކަށް ވެސް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން މައުލޫމާތުދެ އެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަސް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.
މީގެ އިތުރުން މެޓުން ވަނީ މޫސުން ރަނގަޅުވަންދެން ކަނޑު ދަތުރުކުރާ ފަރާތްތަކުން ދަތުރުތައް ފަސްކުރުމަށްވެސް އިލްތިމާސްކޮށްފަ އެވެ. މިދުވަސްވަރު ރާއްޖެއަށް ކުރަމުން ދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ އެވެ.