ޚަބަރު ސަރުކާރު

މާއްދާއެއްގެ ގޮތުގައި ގައުމިއްޔަތު ކިޔަވައިދޭން ޓީޗަރުން ތަމްރީނު ކުރަނީ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

ރާއްޖޭގެ ސްކޫލުތަކުގައި މާއްދާއެއްގެ ގޮތުގައި ދިވެހި ގައުމިއްޔަތު ކިޔަވައިދޭން ނިންމައި ޓީޗަރުން ތަމްރީނު ކުުރުމުގެ މަސައްކަތް ފަށަން ތައްޔާރުވަމުން ދާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

Ads by MWSC

އެ މިނިސްޓްރީން ބުނީ މި ފެށޭ ދިރާސީ އާ އަހަރުގެ ކިޔެވުމާއިއެކު ގައުމިއްޔަތު މާއްދާ ކިޔަވައިދޭން ފަށާނެ ކަމަށެވެ. އެ މާއްދާ ފަށަނީ ސަރުކާރުގެ ސްކޫލްތަކުގައި ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.

ގައުމިއްޔަތު މާއްދާ ކިޔަވައިދޭނީ ގްރޭޑު 7 އިން ފެށިގެންނެވެ. އަދި މި ހަފްތާގެ ތެރޭގައި މި މާއްދާ ކިޔަވައިދޭ ޓީޗަރުން އަހުލުވެރިކުރުވުމުގެ މަސައްކަތް ފެށިގެން ދާނެކަމަށް އެޑިއުކޭޝަނުން ބުނެ އެވެ.

ގައުމިއްޔަތު ކިޔަވައި ދިނުމަށް ތައްޔާރުވުމުގެ ގޮތުން މި އަހަރުގެ ކުރީ ކޮޅު ރާއްޖޭގެ 11 ސްކޫލެއްގައި ވަނީ ޕައިލެޓް ޕްރޮރްގާމްތަކެއް ކުރިއަށް ގެންގޮސްފަ އެވެ.

ގައުމިއްޔަތު ވަކި މާއްދާއެއް ގޮތުގައި ކިޔަވައިދިނުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މިއީ ދިވެހި ގައުމިއްޔަތުގެ ރުކުންތަކާއި އަގުތަކަށް އިސްކަންދީ، ދިވެހި ގައުމިއްޔަތަށް ލޯބިކުރާ އަދި ގައުމިއްޔަތުގެ ބަހާތަކަށް އަހުލުވެރިވެފައިވާ ޖީލެއް ބިނާ ކުރުމަށް ދިވެހި ގައުމިއްޔަތު ދިރުވައި އާލާ ކުރުމުގެ މަގްސަދުގައި ސަރުކާރުން ކުރާ ކަމެކެވެ.

ދުނިޔޭގެ ބައެއް ގައުމުތަކުގައި މިހާރުވެސް ގައުމިއްޔަތު ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދެ އެވެ. އެގޮތުން އިނގިރޭސިވިލާތުގެ ބައެއް ސްކޫލުތަކާއި ފިލިޕިންސްގެ ސްކޫލުތައްވެސް ހިމެނެ އެވެ.

ދިރާސީ އާ އަހަރު ފެށޭނީ މިމަހުގެ 26 ގަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!