ޚަބަރު

ބައްޕަ އަބްދުއްރަހީމްގެ ކާމިޔާބަށް، ފައިސަލްގެ ޖަޒުބާތުން ފުރިފައިވާ ޕޯސްޓެއް

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމަށް، ފޮނަދޫ ދާއިރާގެ އިންތިހާބީ މެންބަރު އަބްދުއްރަހީމް އަބްދުﷲ އިންތިހާބު ކުރަން އެ މަޖިލީހުގެ މެޖޯރިޓީ އޮތް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުން ނިންމުމުން އޭނާގެ ދަރިފުޅު އަދި ޓުއަރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ލިޔުއްވީ ދިގު ވާހަކައެކެވެ.

Ads by Hajj Corporation

ފައިސަލް ފޭސްބުކްގައި ލިޔުއްވީ އޭނާގެ ޅައިރުން ފެށިގެން ބައްޕަ ކުރައްވަމުން ގެންދެވި ބުރަ މަސައްކަަތާއި އުފަން ރަށް ލ. ފޮނަދޫއާއި ގައުމުގެ ހައްގުގައި އަބްދުއްރަހީމް ކުރެއްވި ހިދުމަތްތަކުގެ ވާހަކަ އެވެ. އެ ވާހަކަ އޭނާ ފައްޓަވަނީ، ބައްޕަ އަބްދުއްރަހީމަކީ "އާދަޔާ ހިލާފު" އިންސާނެއް ގޮތަށް ސިފަކުރައްވަމުންނެވެ.

"ނުހަނު ނިކަމެތިހާލު، ކިޔަވުމުގެ ބޭނުމުގައި މާލެފައިބާ ގެއެއްގެ ނޯކިރީކޮށް، އެތަކެއް ތަކުލީފުތައް ތަހައްމަލު ކޮށް، ނޫކަށި ޒުވާން އުމުރުގައި ވަޒީފާއަށް ނިކުމެ، ދުނިޔެ އާރާސްތުކުރުމަށް ނުހަނު ޒުވާން އުމުރު ޒަވާޖީ ހަޔާތެއް ފަށާ، އާއިލާއެއް ބިނާކޮށް، އުފަންވި އަތޮޅާއި ރަށަށް ހިދުމަތްކޮށް، ކުޑަމިނުން ރަށްކުރިއަރުވާ ކޮމެޓީ އަށް ކުރިމަތިލައި ނުހޮވުމުން ވެސް ހިތްވަރު އެލުވާނުލާ، ފަހަތަށް ފިޔަވަޅެއް ނާޅާ، ނުހަނު ވަރުގަދަ އަޒުމާ ގަދަ ހިތްވަރާއި އެކު ކުރިއަށް ދިޔަ އިންސާނެކެވެ." ފައިސަލް ލިޔުއްވާފައިވެ އެވެ.

ފައިސަލް ސިފަކުރެއްވި ގޮތުގައި ބައްޕައަކީ ވެރިންނަށް ކިޔަމަންތެރި ހިދުމަތްތެރިއެކެވެ. އެކަމަކު ގައުމުގެ ހައްގުގައި ބުނަން ޖެހޭ ވާހަކަ ބުނަން ފަސް ނުޖެހޭ ލީޑަރެކެވެ. ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމުގެ ވެރިކަމުގައި އަބްދުއްރަހީމަށް ވައްކަމުގެ ތުހުމަތު އަޅުވައި އަރުވާލި ވާހަކަ ވެސް ލިޔުއްވި އެވެ.

"ގައުމަށް ހިދުމަތް ކުރުމުގައި، ވެރީންނަށް ކިޔަމަންތެރިކަމާއެކު ލައްބައޭ ބުނެ 24 ގަޑިއިރު މަސައްކަތުގައި އުޅެނިކޮށް، އެންމެ ފަހަރަކު ނޫނެކޭ ބުނުމުން ސިޔާސީ ރޭވުމުން ވައްކަން ބޮލުގައި އަޅުވާ އަރުވާލި އެވެ. ކުދި ދަރިންކޮޅެއް މަޔަކާއި އެކު ނިކަމެތިވެ ބިކަވެ ދިޔަ ދުވަސްތަކުން ވެސް ބައްޕަ ހާސިލް ކުރީ އިބްރަތެވެ. ގުޑުވާ ނުލެވުނީ އެ ވަރުގަދަ ހިތްވަރާއި ސާބިތުކަމެވެ."

ފައިސަލް ވިދާޅުވީ، މި ހުރިހާ ދަތިކަމެއް ކުރިމަތިވި ނަމަވެސް ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކުން ސިޔާސީ މަސައްކަތް ދިވެހި ގައުމުގައި ބައްޓަންކުރަން ނިންމި ފަހުން ފެހި ގާނޫނު އަސާސީން ބޭއްވި ފުރަތަމަ މަޖިލިސް އިންތިހާބުގައި ފޮނަދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ސިޔާސީ ވިޔަ ކުރުން ދަންނާތީ ކަމަށެވެ.

އެކަމަކު ސިޔާސީ މަސައްކަތުގެ ތެރެއިން ކުރިމަތިވި ގޮންޖެހުންތަކާއި ނުރުހޭ މީހުންގެ ފާޑުކިޔުންތަކާއި ފުރައްސާރައިގެ އިތުރުން ނުބައި ނިޔަތުގައި ކައިރީ ތިބެގެން ވެސް އަބްދުއްރަހީމަށް ކުރިމަތިކުރުވި ކަންކަން އޮތް ކަން ފާހަގަ ކުރައްވައި އެ ޖަޒުބާތީ ވާހަކަތައް ވެސް ލިޔުއްވާފައިވެ އެވެ.

"ސިޔާސީ ގޮތުން ހިޔާލު ތަފާތު ބައިގެ މީހުންނާއި، އެއް އޮޅީގައި އުޅޭ ހިތް ނުބައި މީހުން ޖެހި ހަޖުލާއި، ކުރި އަދި ކުރާ މަލާމާތާއި ފުރައްސާރައަކީ އިންސާނެއްގެ ހައިސިއްޔަތުން ބައްޕައަށް ވެސް އަސަރު ކުރާނޭ ކަން ކަން ޔަޤީނެވެ. އަދި އާއިލާއެއްގެ ހައިސިއްޔަތުން އަހުރެން ވެސް ހިމެނޭހެން ހުރިހާ ބެއިން ހިތްދަތިވި ކިތަންމެ ފުރައްސާރައެއް ރާއްޖޭގެ ސިޔާސީ އުޑުގެ ދަށުގައި ވެޔަތުވެ ހިނގައްޖެ އެވެ."

ފައިސަލްގެ ޕޯސްޓުގައި ދެން އިޝާރާތް ކުރެއްވީ މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބަށެވެ. އޭނާއާއި އޭނާގެ ބައްޕަ އަބްދުއްރަހީމް ވެސް ހިދުމަތް ކުރައްވަމުން ގެންދެވި ސިޔާސީ ލީޑަރު ހުންނެވީ ޖަލު ބަންދެއްގައި ތާށިވެފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވާދަނުކުރެވޭތީ ޕީޕީއެމް/ޕީއެންސީ އިންތިހާބު ބޮއިކޮޓްކޮށް އާންމު މެންބަރުން މަގުމަތިކުރަން އިއްތިހާދު ތެރޭގައި ގެންގުޅުނު ވިސްނުމެއް ބަލި ކޮށްލީ، އަބްދުއްރަހީމްގެ ހިކުމަތްތެރި ވިސްނުމާއި ދުރު ރޭވުންތެރިކަމުގެ އިތުރުން ހިތްވަރުގަދަ ކަމުގެ ސަބަބުން ކަމަށެވެ.

"މިއަދުގެ ރައީސް ޑރ މުއިއްޒު ރިޔާސީ ރޭހަށް ނެރުއްވާ، އިންތިހާބު ބޮއިކެޓު ކުރުމަށް ރޭވި ކެހިވެރި ރޭވުމުން ޕާޓީއާއި މި ގައުމު ސަލާމަތް ކުރުމުގެ ހިތްވަރުގަދަ ފިޔަވަޅު އެޅީ ބައްޕަ އެވެ. އެއީ މަދުން ނޫނީ އިންސާނަކަށް ނުނެރެވޭނޭ ފަދަ ހިތްވަރުގަދަ އަމަލެކެވެ. މިއަދު މި ގައުމު ދެކެމުން މިދަނީ މާ އުފާވެރި މަންޒަރެކެވެ."

މަޖިލީހުގެ އެންމެ ބޮޑު އަގުލަބިއްޔަތުން އިންތިހާބު ކުރެވޭ ރައީސަކަށް އަބްދުއްރަހީމް ވުމުގެ ފުރުސަތު ބޮޑެވެ. މިއީ ލ. އަތޮޅަށާއި ފޮނަދޫއަށް ލިބޭ ވަރަށް ބޮޑު ފަހުރެއްގެ ގޮތުގައި ފައިސަލް ދެކެވަޑައިގަންނަވަ އެވެ. މި ކާމިޔަބީ ލޮލުން ދެކި އަތުން ހިފަން ލިބުމަކީ ދޮށީ ފިރިހެން ދަރިއަކަށް ލިބޭ، އަދި މާ ބޮޑު ފަހުރެއް ކަމަށް ލިޔުއްވި އެވެ.

"އައްސަރިބަހާއި ސާބަހެވެ. ތިޔަ ކުރެއްވި ހިތްވަރާއި ތިޔަވީ ގުރުބާނީއަށް އަދި ތިޔަ ހޯއްދެވި ކާމިޔާބީއަށް ފަށްފަށުން ސެލިއުޓް ކުރަމެވެ. ރައީސް މުއިއްޒުއަށާއި ދިވެހި ލޮބުވެތި ރައްޔިތުންނަށް ނުހަނު އަދަބުވެރިކަމާ އެކު ޝުކުރު ދަންނަވަމެވެ. ފޮނަދޫ ދާއިރާގެ ލޮބުވެތި ރައްޔިތުންނަށް ހިތުގެ ފުންމިނުން ޝުކުރު ދަންނަވަމެވެ."

  1. މުހައްމަދު

    ޢަސްލުވެސް އަބުދުއްރަހީމް އަބުދުﷲ އެއީމިޤައުމުގައި އުފެދުން ވަރުގަދަ ބަތޮލެއް ވިސްނުންތެރި ވަފާތެރި ދިވެހި ދަރިއެއް