ޕްރޮފެޝަނަލް އަދި ޓެކްނިކަލް ވަޒީފާތަކަށް ބިދޭސީން ގެންނަން ދެން އެޖެންސީއެއް ބޭނުމެއް ނުވާނެ
ދައުލަތުގެ ޕްރޮފެޝަނަލް އަދި ޓެކްނިކަލް ވަޒީފާތަކަށް ބިދޭސީން ގެންނަން އޭޖެންސީއެއް ބޭނުން ނުވާގޮތަށް ގަވާއިދު އިސްލާހު ކޮށްފި އެވެ.
މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން، ވަޒީފާ ހަމަޖައްސައިދޭ އެޖެންސީއާ ބެހޭ ގަވާއިދު އިސްލާހުކޮށް ރޭ ވަނީ ގެޒެޓުކޮށްފަ އެވެ.
އަލަށް އިސްލާހު ކުރި ގަވާއިދުގައި ވާގޮތުން ދައުލަތުގެ ބާރުތަކާއި އިދާރާތަކުން ވަޒިފާދޭ ފަރާތުގެ ޓެކްނިކަލް މަގާމުތަކަށް ނުވަތަ ޕްރޮފެޝަނަލް މަގާމުތަކަށް ގެންނަ ބިދޭސީ މުވައްޒަފުން ފިޔަވައި އެހެނިހެން ބިދޭސީ މުވައްޒަފުން ރެކްރޫޓް ކުރަންވާނީ ލައިސެންސް ދޫކޮށްފައިވާ ވަޒީފާ ހަމަޖައްސައިދޭ އެޖެންސީއެއް މެދުވެރިކޮށެވެ.
އެކަމަކު، ޓެކްނިކަލް އަދި ޕްރޮފެޝަނަލް މަގާމުތަކަށް ގެންނަ ބިދޭސީ މުވައްޒަފުން ގެންނަން އެޖެންސީއެއް މެދުވެރިކުރާކަށް މިހާރު ނުޖެހޭނެ އެވެ.
މީގެ ކުރިން ގަވާއިދުގައި އޮންނަނީ ދައުލަތުގެ ޕްރޮފެޝަނަލް ނުވަތަ ޓެކްނިކަލް ވަޒީފާއަކަށް ބިދޭސީއަކު ގެނައިނަމަވެސް އޭޖެންސީއެއް މެދުވެރިވާން ޖެހޭނެ ކަމަށެވެ.
ރާއްޖޭގައި ބިދޭސީ މަސައްކަތްތެރިން މަދު ކުރުމަށް ސަރުކާރުގެ ވިސްނުން ހުރީ ދިވެހިން ރެކްރޫޓު ކުރެވޭ ވަޒީފާތަކަށް ބިދޭސީން ނުގެނައުމަށެވެ. އެހެންނަމަވެސް ތަކުރާރުކޮށް އިއުލާން ކުރުމަށްފަހު ދިވެހިން ނުލިބިއްޖެނަމަ ބިދޭސީން ގެންނަން މަޖުބޫރުވާކަމަށް ސަރުކާރުން ބުންޏެވެ.
ރާއްޖޭގެ އެންމެ ގިނަ ވަޒީފާ އުފައްދާ ފަތުރުވެރިކަމުގެ ސިނާއަތުގައިވެސް ދިވެހިންނަށްވުރެއް ބިދޭސީ މުވައްޒަފުން ގިނަ އެވެ. ސަރުކާރުން ދަނީ ފަތުރުވެރިކަމުގެ ސިނާއަތުގެ މަތީ މަގާމުތައް ދިވެހިންނަށް އެކަނި އަދާކުރެވޭގޮތަށް ގަވާއިދު އިސްލާހު ކުރަން މަސައްކަތް ކުރަމުންނެވެ.