ޚަބަރު

ކުއްލި ހަލާތު ނިމެންދެން "މަޑިސީލަ" ޕްރޮގްރާމް ހުއްޓާލަން އަންގައިފި

ދެން އެމްވީ ، ދެން އޮންލައިން

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމެންދެން ޗެނަލް 13 އިން ގެނެސްދޭ މަޑިސީލަ ޕްރޮގްރާމް ހުއްޓާލުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން އަންގައިފިއެވެ.

Ads by MWSC

ބްރޯޑްކޮމް އިން މިގޮތަށް އަންގާފައިވަނީ ރޭ ގެނެސްދިން "މަޑިސީލަ" ޕްރޮގްރާމްގައި ކޮވިޑް 19 އާއި ގުޅިގެން ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ފަދަ ގޮތަކަށް ކޮންޓެންޓް ބްރޯޑްކާސްޓްކޮށްފައިވާ ކަމަށް ބެލެވޭ މައްސަލައެއް ބެލުމަށްފަހުއެވެ.

އެ މައްސަލަ ބެލުމަށްފަހު ބްރޯޑްކޮމް އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މި މައްސަލައާ ގުޅިގެން މައްސަލަ ރައްދުވާ މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑްގެ ޗެނަލް 13 އަށް ޖަވާބުދާރިވުމަށް ފުރުސަތު ދީފައިވާނެ ކަމަށާއި އެގޮތުން އެ މައުލޫމަތާކީ، މުޢުތަބަރު ފަރާތަކުން ފޯރުކޮށްދީފައިވާ މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ގެނެސްދީފައިވާ މައުލޫމާތެއްކަމަށް އެ ޗެނަލުން ބުނެފައިވާ ކަމަށެވެ.

ނަމަވެސް ރޭގެ "މަޑިސީލަ" ޕްރޮގްރާމްގައި ގެނެސްދީފައިވާ މަޢުލޫމާތަކީ ދައުލަތުގެ ކަމާ ބެހޭ އިދާރާއިން މަޢުލޫމާތުގެ ސައްޙަކަން ކަށަވަރުކުރެވިގެން ގެނެސްދީފައިވާ މަޢުލޫމާތެއްކަމަށް ބެލެވެން ނެތް ކަމަށާއި އަދި މިއީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ފަސްވަނަ ހަމައިގެ 4 ވަނަ ނަންބަރު އާ ޚިލާފުވާކަމެއް ކަމަށް ކަނޑައަޅާފައިވާ ކަމަށް ބްރޯޑްކޮމް އިން ބުނެފައިވެއެވެ.

އެހެންކަމުން "ކުއްލި ނުރައްކަލުގެ ޙާލަތްތަކުގައި ޝަކުވާ ހުށަހެޅުމާއި ޝަކުވާ ބަލައިގަތުމުގެ ނިޒާމް" ގެ 7 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ ދަށުން، ޗެނަލް 13 ގެ ޕްރޮގްރާމް ޝެޑިއުލްގައި ހިމެނޭ "މަޑިސީލަ" ޕްރޮގްރާމް، މިއަދުން ފެށިގެން ޢާންމު ސިއްޙަތުގެ ކުއްލި ނުރުއްކަލުގެ ހާލަތުގެ މުއްދަތަށް އުނިކުރުމަށް އެންގުމަށް ނިންމާފައިވާ ކަމަށް ބްރޯޑްކޮމް އިން ބުންޏެވެ.

އަދި މި މުއްދަތުގައި ރާއްޖޭގެ އާންމު ސިއްޙީ ނުރައްކަލުގެ މިޙާލަތުގައި ކޮވިޑް 19 އާ ގުޅިގެން ދަޢުލަތުގެ ކަމާބެހޭ އިދާރާތަކުން ހާމަކުރާ މަޢުލޫމާތު ފިޔަވައި އެހެން އެއްވެސް މައުލޫމާތެއް ޗެނަލް 13 އިން ބްރޯޑްކާސްޓްކުރާ ޕްރޮގްރާމުތަކުގައި ނުހިމެނުމަށް އެންގުމަށް ވެސް ނިންމާފައިވާ ކަމަށް ބްރޯޑްކޮމް އިން ވަނީ ބުނެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!