ފަލަސްތީނަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ މެމްބަރުކަން ރަސްމީކޮށް ލިބިގެން ދިޔުމާއިއެކު ރާއްޖެއިން މަރުހަބާ ކިޔައިފި އެވެ.
ވޯލްޑް ހެލްތު އެސެމްބްލީގެ 77 ވަނަ ބައްދަލުވުމުގައި ވަނީ ފަލަސްތީނަށް ޑަބްލިއުއެޗްއޯގެ މެމްބަރުކަން ދޭން ނިންމައިފަ އެވެ. މިހުށަހެޅުމަށް ދުނިޔޭގެ 101 ގައުމަކުން ވޯޓު ދިންއިރު ރާއްޖެއިންވެސް ވޯޓުގައި ބައިވެރިވެ ފަލަސްތީނާއި އެއްކޮޅަށް ވޯޓު ދިނެވެ.
ޑަބްލިއުއެޗްއޯގެ ނިންމުމަށް މަރުހަބާ ވިދާޅުވެ ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ކުރަމުންދާ މަސައްކަތުގައި މިއީ ހެޔޮ ފާލެއް ކަމަށެވެ. އަދި ރާއްޖެއިން އަބަދުވެސް ގަބޫލު ކުރަނީ އަދި ތާއީދު ކުރަނީވެސް ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ދުނިޔޭގެ ހުރިހާ ޖަމިއްޔާތަކުވެސް ބަލައިގަތުމަށްކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރާއްޖެއިން އިސްކަން ދެނީ ގައުމުތަކުގެ މެދުގައި ހަމަޖެހުން ގާއިމްވެ އޮތުމަށް ކަމަށެވެ.
ދާދި ފަހުން ބައިނަލްއަގުވާމީ އެންމެ މަތީ ކޯޓުންވެސް ވަނީ އިޒްރާއީލުން ފަލަސްތީނާއި ދެކޮޅަށް ދެމުންގެންދާ ލާއިންސާނީ އަނިޔާވެރި ހަމަލާތައް ހުއްޓައިލުމަށް އަމުރުކޮށްފަ އެވެ. ދުނިޔޭގެ ގިނަ ގައުމުތަކުން ދަނީ ފަލަސްތީނުގެ ދިފާއުގައި ވާހަކަ ދައްކަމުންކަން ފާހަގަކޮށްލެވެ އެވެ.
ރައީސް އެންމެ ފަހުން ބާބިއުޑާއަށް ވަޑައިގެން ކުދި ޖަޒީރާ ގައުމުތަކުގެ މަހާސިންތާގައިވެސް ވަނީ ފަލަސްތީނު މުސްލިމުންގެ ހައްގުގައި ވާހަކަފުޅު ދައްކަވައިފަ އެވެ. އެމަނިކުފާނު ވިދާޅުވީ ފަލަސްތީނުގެ މުސްލިމުންނާއި ދެކޮޅަށް ކުރިއަށް ގެންދާ ހަނގުރާމަ ހުއްޓައިލުމަށް ރާއްޖެއިން އަބަދުވެސް ބާރު އަޅާނެ ކަމަށެވެ.