ހަތް ސައިކަލެއްގައި ރޯކޮށްލި މީހާ ހައްޔަރުކޮށް ބަންދުކޮށްފި

މަޖިލިސް އިދާރާ ކުރިމަތީ އޮންނަ ޕާކިންގް ޒޯނުގައި ޕާކުކޮށްފައި ހުރި ސައިކަލުތަކެއްގައި ރޯކޮށްލި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި އެވެ.
މިމައްސަލައިގައި މީހަކު ހައްޔަރު ކުރީ މިއަދު އެވެ. އެމީހާ ހައްޔަރުކުރުމަށްފަހު ކްރިމިނަލް ކޯޓަށް ހާޒިރުކޮށް 30 ދުވަހަށް ވަނީ ބަންދު ކޮށްފަ އެވެ.
ފުލުހުން ބުނީ މިމައްސަލައިގައި ހައްޔަރު ކުރީ 38 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
މިދިޔަ އަންގާރަ ދުވަހުގެ ފަތިހު ރޯކޮށްލި ހާދިސާގައި ހަތް ސައިކަލަކަށާއި ވޭނަކަށް ގެއްލުން ލިބުނެވެ. އޭގެ ތެރެއިން ތިން ސައިކަލެއް ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދައިފަ އެވެ.
މިމައްސަލައިގައި މީހަކު ހައްޔަރުކޮށް ބަންދުކޮށްފައި މިވަނީ ހާދިސާ ހިނގިތާ ދެ ދުވަސް ފަހުންނެވެ.