ނިހާންގެ މައްޗަށް ކުރި ހިޔާނާތުގެ ދައުވާތައް ދެ މަސް ކުރިން އަނބުރާ ގެންގޮސްފި
ރައްޔިތުންގެ މަޖިލީހުގެ ބިއުރޯ ޗީފްގެ މަގާމަށް އިއްޔެ އައްޔަންކުރި، އެ މަޖިލީހުގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކުގެ މައްޗަށް ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުން އުފުލި ހިޔާނާތުގެ ދައުވާތައް މީގެ ދެ މަސް ކުރިން އަނބުރާ ގެންގޮސްފި އެވެ.
ނިހާންގެ މައްޗަށް ރިޝްވަތު ހިފުމުގެ ތިން ދައުވާއަކާއި ރިޝްވަތަށް އެދުމުގެ ދެ ދައުވާއަކާއި، މަނީ ލޯންޑަރިންގެ ދައުވާއެއް އުފުލި އެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގެ ތަހުގީގުގެ ތެރެއިން ކުރި ދައުވާތަކެކެވެ.
ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރު އަހުމަދު ޝަފީއު ވިދާޅުވީ ސުޕްރީމް ކޯޓުގެ ނިންމެވުމަށް ރިއާޔަތްކޮށް ނިހާންގެ މައްޗަށް ހުށަހެޅިފައިވާ ހެކިތަކަށް ބަލައި މުރާޖަޢާކުރިއިރު, ހުށަހެޅިފައިވާ ހެކިތަކުން ކޮށްފައިވާ ދައުވާތައް ސާބިތުކޮށްދެވިދާނެކަމަށް ނުފެންނާތީ މައްސަލަ އަނބުރާ ގެނައުމަށް ނިންމީ ކަމަށެވެ.
އަދި ނިހާންގެ ދައުވާތައް ސާބިތުކުރަން ހުރި ހެކިތަކުން ދެން އެ ދައުވާތައް ސާބިތު ނުކުރެވޭނެ ކަމަށް ބެލިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
ނިހާންގެ މައްޗަށް ދައުވާ އުފުލައި، ޕީޖީ އޮފީހުން ނެރުނު ބަޔާނުގައި ބުނި ގޮތުގައި ވިލިމާލެ ދާއިރާގެ މެންބަރުކަމުގައި އަދި މާލިއްޔަތު ކޮމެޓީގެ މުގައްރިރުގެ މަގާމުގައި ހުރިއިރު، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަރިހު ރިޝްވަތަށް އެދި، ރިޝްވަތު ގަބޫލުކޮށްފައިވެ އެވެ.
ނިހާން އެ ދައުވާތަކާއި ތުހުމަތުތަކަށް އިންކާރު ކުރައްވަ އެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް މަޖިލީހުގެ ހިދުމަތުގެ ގަވާއިދުގެ ދަށުން އެ އިދާރާގެ ބިއުރޯ ޗީފްގެ މަގާމަށް ނިހާން އައްޔަންކުރައްވައި އިއްޔެ ވަޒީފާއަށް ނުކުންނަވަން ވަނީ ފައްޓަވައިފަ އެވެ.
ނިހާނަކީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވިލިމާފަންނު ދާއިރާ އަދި 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވިލިމާލެ ދާއިރާ ތަމްސީލްކުރެއްވި މެންބަރެވެ. އަދި 18 ވަނަ މަޖިލީހުގައި، މަޖިލީހުގެ މެޖޯރިޓީ ޕާޓީ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރުގެ ހައިސިއްޔަތުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު ކަން ކުރެއްވި އެވެ.
އިންސާނުން ބިރުވެތިވޭ. ތިހިރަ ކަންކަމަށްބެލުމެއްނެތި ތިއުޅެނީ. ކޯފާ އެއް އަންނައިރު ބިރުން ދުވުމުގެ ބަދަލުގާ އިސްލާމް ދީން މަތިން ހަދާންކުރޭ