ރިޕޯޓް

ބޭބެގެ ލެގަސީ ދަމަހައްޓަން، ކޮއްކޮ ރިޒާއަށް މިއީ ބޮޑު ޒިންމާއެއް

ފާރިހާ ޢަދުނާން ، ދެން އޮންލައިން
މަރުހޫމް އިބްރާހިމް ރިޒާ (ކ)، ހުސެއިން ރިޒާ (ވ)

މާފުއްޓާއި ގުރައިދޫ ހިމެނޭ ދާއިރާއަކީ އަލްއުސްތާޛް އިބްރާހީމް ރިޒާއަށް ހާއްސަ ދާއިރާ އެވެ. ފެހި ގާނޫނު އަސާސީއަށް ފަހު މަޖިލީހުގައި އެ ދާއިރާ އުފެއްދީއްސުރެން އެ ގޮނޑި ފުރުއްވީ އޭނަ އެވެ. ސަތާރަ، އަށާރަ، އަދި ނަވާރަވަނަ މަޖިލީހަށް ވެސް ދާއިރާ ރައްޔިތުންގެ މަންދޫބަކަށް އިހުތިޔާރުކުރީ އަލްއުސްތާޛް ރިޒާ އެވެ.

Ads by STELCO

ކެންސަރުގެ އާލާސްކަންފުޅެއްގައި އުޅުއްވަނިކޮށް މިދިޔަ އަހަރު ރިޒާ ނިޔާވީ މަޖިލީހުގެ ތިންވަނަ ދައުރުގެ ދުވަސްތައް ގުނަމުން ދަނިކޮށެވެ.

އާއިލާގެ 11 މެންބަރުންގެ ތެރެއިން ރިޒާއާ ގާތް ގުޅުމެއް އޮންނަ އެކަކަކީ އޭނާގެ ކޮއްކޮ ހުސައިން ރިޒާ އާދަމެވެ. ރިޒާ ނިޔާވި ފަހުން މިއަދު އެ ގޮނޑި ފުުރައްވަން އިންނެވީ އޭނާ އެވެ. މި ދަނޑިވަޅުގައި ކޮއްކޮގެ ޖަޒުބާތުތައް ބޮޑެވެ. މި ޖަޒުބާތުތަކުން ފެނިވަޑައިގަންނަވަނީ ބޮޑު ޒިންމާއެއް ކުރިމަތީގައި އޮތް ތަނެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އަޅުގަނޑަށް ކުރިމަތިވި ވަރަށް ބޮޑު ޒިންމާއެއް މީ ބޭބެގެ ލެގަސީ ދެމެހެއްޓުން،" އޭނާ ވިދާޅުވި އެވެ.

ބޭބެގެ ވާހަކަ ވަރަށް ދިގުކޮށް ހުސައިން ރިޒާ ދެއްކެވި އެވެ. ހާއްސަކޮށް ބޭބެގެ ފަހު ދުވަސްތަކުގެ ހަނދާންތައް އޭނާ "ދެން އޮންލައިން" އާ ހިއްސާ ކުރެއްވި އެވެ. ބޭބެގެ ފަހު ދުވަސްތަކުގައި ވެސް އަރާމަށް ވުރެ ބޮޑަށް އިސްކަން ދެއްވީ މަސައްކަތަށެވެ.

އެއީ އެންމެ ފަހު ކީމޯ ދޭން އޮތް ދުވަސްވަރު ވެސް މެއެވެ. ބޭބެ މަސައްކަތް ކުރައްވަމުން ގެންދެވީ، ވަކިވުމުގެ ކުރިއަށް، އޭނާގެ ޒިންމާގައި ހިމެނޭ އެއްވެސް މަސައްކަތެއް ނުނިމި ނުބޭއްވުމަށެވެ. އެހެން ބޭނުން ނުވާތީ، މަސައްކަތް ކުރެއްވީ އިހުނަށް ވުރެ އިތުރު ވަގުތު ދީ، ދުވެލި ވެސް އަވަސްކޮށްގެނެވެ.

"އެއީ ނިޔާވުމުގެ ގާތްގަނޑަކަށް ހަފްތާއެއްހާ ދުވަސް ކުރިން. އޭރު ކޮންމެ ދުވަހަކު އަޅުގަނޑަށް ގުޅާފަ ވިދާޅުވާނެ މިވެނި ކަމެއް އަވަހަށް ނިންމާލަދޭށޭ. އެވެނި ކަމެއް އަވަހަށް ނިންމާލަދޭށޭ. ބޭބެގެ ޒިންމާތަކާއި، ބޭބެ ނިންމަން ހުރި ކަންތައްތައް ވަރަށް އަވަހަށް ނިންމަން އުޅުއްވި،" - ކޮއްކޮ، ހުސައިން ރިޒާ

ބައެއް ކަންކަން އަވަހަށް ނިންމަން ބޭބެ އެ ދުވަސްވަރު ހުސައިން ރިޒާގެ އަރިހުގައި ވެސް ދަންނަވަމުން ދިޔަ ކަން ފާހަގަ ކުރެއްވި އެވެ. އެއީ ކުރިން ބޭބެ އެ ކަން ކުރާ ގޮތް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

"އެހެންޏާ އަޅުގަނޑު ގާތުން އެއް ފަހަރު ވިދާޅުވާނީ، ދެން އެހާ ބޮޑަކަށް އަޅައެއް ނުލާނެ. ބޭބެއަށް އެނގޭނެ ވިއްޔާ އަޅުގަނޑު ކުރާނެ ކަން ވެސް، ނަމަވެސް ފަހުންފަހުން އާދަޔާ ހިލާފަށް ގިނައިން ވިދާޅުވޭ، މިވެނި ކަމެއް ކޮށްފިންހޭ، މިވެނި ކަމެއް އަވަސްކޮށްލައްޗޭ،" ކޮއްކޮ، ހުސައިން ރިޒާ

ބޭބެއަކީ އާއިލާއާއެކު ވަރަށް ގާތް ގުޅުމެއް ބޭއްވި ބޭފުޅެކެވެ. ހަޔާތުގެ ފަހު ދުވަސްތަކުގައި އާއިލާ މެމްބަރުން އުމްރާއަށް ފޮނުވިއެވެ. އާއިލާގެ މީހަކަށް ކަމެއް ދިމާވާ ހިނދުވެސް އެންމެ ކައިރިން މަސައްކަތްކުރި އެކަކަށް ބޭބެ ވާނެ ކަމަށް ހުސައިން ރިޒާ ވިދާޅުވި އެވެ.

އާއިލާގެ އިތުރުން މަސައްކަތުގެ މާހައުލުގައި ވެސް ހަމަ އެފަދަ އެވެ. މަޖިލީހުގައި ރިޒާ އިންނަވާއިރު، މަސައްކަތް ކުރައްވާ އިރު ބޭބެގެ ސިޔާސީ ހަޔާތުގެ މިތުރުންނާ އެކު އެވެ. މަޖިލީސް ހިންގަވަން ވެސް އެ ތިއްބެވީ ރިޒާ ދެކެފަރިތަ ބޭފުޅުންނެވެ. މި އެންމެންގެ މެދުގައި ހުސައިން ރިޒާ މިއަދު އިންނަވާއިރު ވަށައިގެން އިވޭ އަޑަކީ ވެސް ބޭބެގެ ހިތްހެޔޮ ކަމުގެ ވާހަކައެވެ.

"މީހުން ވިދާޅުވޭ ބޭބެ އަކީ ވަރަށް ހިތްހެޔޮ ރަނގަޅު ބޭފުޅެކޭ، އެ ބޭފުޅުންނާ ވެސް ބޭބެ ބައެއް ކަންކަމުގައި މަޝްވަރާ ކުރެއޭ. އެހެންވީމަ އެބޭފުޅުން ވެސް އެތިބީ އެގޮތުގައޭ. ބޭބެ އެ ގެންގުޅުއްވި ރީތި ސިފަތައް ޖެހޭނެއޭ މަޖިލީސް ތެރޭގައި ގެންގުޅެން،" ކޮއްކޮ، ހުސައިން ރިޒާ

އޭނާ މަޖިލީހަށް ކުރިމަތިލީ ރައްޔިތުންގެ އެދުމުގެ މަތިންނެވެ. ދާއިރާގެ ދެ ރަށުގެ ރައްޔިތުން ވެސް އެދުނީ ބޭބެގެ ވަކިވުން ފޫ ބައްދައި ދިނުމަށެވެ. މަޖިލީހުގެ ތެރޭގައި ވެސް އަލަށް މަސައްކަތްކުރާ ކަމުގެ އިހުސާސް ވެސް ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހުސައިން ރިޒާ އެ ހުންނެވީ އެ އަޒުމުގަ އެވެ. ބޭބެގެ ރީތި ސިފަތައް ދެމެއްހެއްޓުމުގެ އަޒުމުގަ އެވެ. އެ ލެގަސީ މަޖިލީހުގެ ތެރެއިން ދައްކަވާށެވެ. އިބްރާހިމް ރިޒާއަކީ 18 ވަނަ މަޖިލީހުން ކަނޑައެޅުއްވި ޖުޑިޝަލް ސާވިސް ކޮމިޝަންގެ މެންބަރެވެ. ހުސައިން ރިޒާއަކީ 20 ވަނަ މަޖިލީހުގެ އެ މެންބަރެވެ.

ކިޔެވުމުގެ ކަންތައް ވެސް ކުރިއަށް ދިޔައީ އެފަދައިންނެވެ. ބޭބެ މައުހަދުން ތައުލީމް ހާސިލް ކުރެއްވީތީ، ކޮއްކޮ ރިޒާ ވެސް ތައުލީމް ހާސިލް ކުރެއްވީ މައުހަދުންނެވެ. ކޮއްކޮ ރިޒާ، މައުހަދުން ސާނަނީ ކިޔަވާ ނިންމާލުމަށްފަހު، މިސްރަށް ވަޑައިގެން އިތުރަށް ތައުލީމް ހާސިލްކުރެއްވިއެވެ.

ބޭބެގެ ފައިތިލަ މަތިން ސާބިތުވެ ދެމިހުންނެވުން އެކަނި ވެސް ހުސައިން ރިޒާއަށް ފެނިވަޑައިގަތީ ބޮޑު ޒިންމާއެއް ގޮތަށެވެ.

Ads by HDC
  1. ދިރާސާ

    ތެދެކެވެ… ބޭބެ އާސަންދައާ ކަންކަން ހަމަޖައްސައިދިނީ އާއިލާ މީހުންނަށާއި، އެމީހުންގެ ގާތް މީހުނަށެވެ.

  2. ޙަޤީޤަތް

    ބޭބެ ކުޅުނީ އަންހެން ކުޅި… ހުސެއިން ކުޅެނީ އެހެން ކުޅިއެއް…