އޭސީ ހޮޅިތަކެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި

މާލޭގެ ގެއެއްގައި ހުރި ގުދަނަކުން އޭސީ ހޮޅިތަކެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި އެވެ.
އެކަމެއް މިއަދު ހިނގާފައިވާއިރު، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު އެއީ 26 އަހަރުގެ ދިވެހި ފިރިހނެކެވެ.
ކްރިމިނަލް ކޯޓުގެ ކޯޓު އަމުރުގައިވާ ގޮތުން އެމީހާ ވަގަށް ހޮޅިތަކެއް ނަގާފައިވަނީ މ. އެލޯސިއާގެ 2 ވަނަ ފަންގިފިލާގެ ގުދަނަކުންނެވެ.
އޭސީ ހޮޅިތައް ނަގައިގެން ހުރިތަން ފެނިގެން އޭނާ ހުއްޓުވީކަމަށް ފުލުހުންނާ ސީނުން ބައްދަލުވި ފަރާތުން ބުނެފައިވާ ކަމަށް ފުލުހުންގެ ހާދިސާ ރިޕޯޓާ ހަވާލާދީ ކޯޓު އަމުރުގައި ބުންޏެވެ.
ކުށުގެ ރެކޯޑެއް އޮތް އެ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 5 ދުވަހަށް ޖަހާފައި އެވެ.