މިސްކިތުގެ ޖަމާއަތް މަނާކޮށްފައި ވަނިކޮށް ތިންފޫޓުން މީހުން ތިބެ ހުކުރުކޮށްފި
ދުނިޔޭގެ ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާ ވައިރަހުން ރައްކާތެރިވުމުގެ ގޮތުން އިންޑޮނޭޝިޔާގައި ވެސް ޖަމާޢަތުގައި ނަމާދުކުރުން މަނާކޮށްފައި ވަނިކޮށް އެގައުމުގެ ބައެއް މިސްކިތްތަކުގައި މިއަދުގެ ހުކުރު ނަމާދު ކޮށްފިއެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިއަދު ހުކުރު ނަމާދު ކުރި އެއް މިސްކިތަކީ އިރުމަތީ ޖާވާގެ ސުރަބަޔާގެ މިސްކިތެކެވެ. އެ މިސްކިތުގައި މީހުން ނަމާދު ކުރީ ދެމީހުންގެ ދޭތެރޭގަައި ތިން ފޫޓްގެ ދުރުމިނެއް ބަހައްޓަައިގެން އަދި އެންމެން ވެސް މާސްކް އަޅާ ނޭފަތާއި އަނގަ ނިވާކޮށްގެން ކަމަށް މީޑިއާތައް ބުނެއެވެ.
މިއަދު ހުކުރު ނަމާދު ކުރި އެއް މިސްކިތުގެ އިމާމު މީޑިއާގައި ބުނެފައިވަނީ ހާލަތާއި މެދު ކަންބޮޑުވާ ކަމަށާއި އެހެން ނަމަވެސް މިސްކިތް އިތުރަށް ސާފުކޮށް ރައްކާތެރިކަމުގެ ވަސީލަތްތަަކާއެކު ނަމާދު ކުރުމަަށް ނިންމީ ކަމަށެވެ.
ބަލިމަޑުކަމެއް ފެތުރި ، ޖަމާއަތުގައި ނަމާދު ކުރުމަކީ ވެސް އެބައްޔެއް އިތުރަށް ފެތުރިދާނެ ކަމެއް ކަމަަށް ބެލެވޭނަމަ ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލެވިދާނެ ކަމަށް ދީނީ އިލްމްވެރިން ވިދާޅުވެފައިވެއެވެ.
ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް19 އަށް އިންޑޮނޭޝިއާ އިން މިހާތަނަަށް 369 މީހުން ފައްސިވެފައިވާއިރު އެބަލީގައި 32 މީހުން މަރުވެފައިވެއެވެ.