ޚަބަރު އިޖުތިމާޢީ

ހައްޖަށް ދިޔަ މީހަކަށް ހާޓް އެޓޭކެއް ޖެހިގެން ފަރުވާދޭން ފަށައިފި

އަލީ ސަމާޙް ، ދެން އޮންލައިން

ރާއްޖެއިން ހައްޖަަށް ދިޔަ މީހަކަށް ހާޓްއެޓޭކެއް ޖެހިގެން ފަރުވާދޭން ފަށައިފި އެވެ.

Ads by STELCO

އެކަން ހާމަކުރެއްވީ ހައްޖުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު އެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވީ މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ހައްޖުވެރިޔާގެ ހާލު ރަނގަޅު ކަމަށެވެ.

"އަޅުގަނޑު ވާނީ ބަލިމީހާގެ އާއިލާއަށް ގުޅާފައި، ރާއްޖޭގައި އެ ބޭފުޅާގެ ދަރިފުޅުމެންނަށް ގުޅާފައި. ހާލު އެމީހުންނަށް ފޯރުކޮށްދީފައި" މިނިސްޓަރު ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ ހައްޖު ކޯޕަރޭޝަންއާއި ހައްްޖު މިޝަން އިން އެ ހައްޖުވެރިޔާގެ ކަންކަން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އެހެން ނަމަވެސް އެމީހާއާ ގުޅޭ އިތުރު މައުލޫމާތެއް މިނިސްޓަރު ހިއްސާއެއް ނުކުރެ އެވެ.

ޝަހީމް ވިދާޅުވީ ހައްޖުވެރިންގެ ކަންކަން ބެލުމަށްޓަކައި ޑޮކްޓަރުންގެ ޓީމެއްގެ އިތުރުން އެ މީހުން ތިބޭ ހޮޓަލުގައިވެސް ކްލިނިކެއްވެސް ގާއިމްކުރެވިފައިވާނެ ކަމަށެވެ. ބަލި މީހަކަށް ކަމެއް ދިމާވެއްޖެ ހާލަތެއްގައި ސައުދީ ރަސްގެފާނުގެ ބެލުމުގެ ދަށުން މައްކާގައި ހުންނަ ހިލޭ ސާބަހަށް ފަރުވާދެވޭ ނޫރު ހޮސްޕިޓަލުން ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ ބޮޑެތި ބަލިތައް ތަހައްމަލުކުރާ ގިނަ ބަޔަކު ރާއްޖެއިން ހައްޖުގެ އަޅުކަން އަދާކުރަންދާ ކަމަށެވެ. އެއީ 'ރިސްކީ' ކަމެއް ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!