ކޮވިޑް19: ﷲގެ ގެފުޅު ސާފުކޮށް ބެލެހެއްޓުމަށް ކުރާ ބުރަ މަސައްކަތް
ޝައްކެއް ނެތް ގޮތުގައި ކައުބަތުﷲގެފުޅު ނުވަތަ މަސްޖިދުލް ޙަރަމަކީ ދުނިޔޭގައިވާ އެންމެ މާތް ބިމެވެ. އެ މިސްކިތުގައި ކުރާ ނަމާދަކީ އާންމު މިސްކިތްތަކުގައި ކުރާ އެއްލައްކަ ނަމާދުގެ ޘަވާބާއި ދަރުމަ ހިމެނޭ ނަމާދަކަށް ވާކަމީ އެބިމުގެ މާތްކަމާއި ޝަރަފް ދަލީލުކޮށްދޭ ކަމަކެވެ.
މިދުވަސްވަރަކީ ކޮވިޑް19ގެ ތަކްލީފް މުޅި އިންސާނިއްޔަތު އުފުލަމުންދާ ދުވަސްވަރަކަށްވުމާއެކު މިބަލި ފެތުރުނަ ނުދިނުމަށް ސައުދީ ސަރުކާރުން ވެސް ވަނީ ޚާއްޞަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން މަސްޖިދުލް ޙަރަމް ހުޅުވާ ގަޑިތަކަށް ވެސް ވަނީ ބަދަލު ގެނެސްފައެވެ. އިޝާ ނަމާދަށްފަހު ޙަރަމްފުޅު ބަންދުކުރާއިރު ދެން ހުޅުވަނީ ފަތިސް ނަމާދަށެވެ. މިކަމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ ބަންދުގެ ވަގުތުގައި އެތަނުގައި ހިނގަނީ ކޮންކަމެއް ހެއްޔެވެ؟
އާދެ!ޙަރަމްފުޅުގެ 330 މުވައްޒަފުން އިޝާ ނަމާދަށްފަހު ވަގުތު ހޭދަ ކުރަނީ އެބޮޑު ސަރަޙައްދު ސާފުކުރުމުގައެވެ. ކިހާ މިންވަރަކަށްކަން އެނގިލައްވާތޯއެވެ؟
ސާފުކުރުން ހިނގަމުން ދަނީ އެ ބަރަކާތްތެރި ޙަރަމްގެ އެންމެ ބޮޑެތި ތަނބުތަކުން ފެށިގެން އެންމެ ކުޑަ އެއްޗަކަށް ވެސް ފަރުވާތެރި ވެގެންނެވެ. ފުރާޅާއި ގޭޓްތަކާއި ލައިޓްތަކުގެ އިތުރުން މުސްޙަފް ބަހައްޓާ ހަރުތައް ވެސް ހިމެނޭ ގޮތަށެވެ. ﷲގެ އަޅުވެރީންގެ ރައްކާތެރިކަމަށް ޙަރަމްގެ 10 ފަންގިފިލާގެ ސިޑިތައް ކައިރީގައި ވެސް ސެނިޓައިޒާ ބަހައްޓާފައި ހުންނައިރު ހުރިހާ ފަންގިފިލައެއް ސާފުކުރުމަށް 10 ސާފުކުރާ މެޝިނާއި 86 ސުޓެލައިޒަރ ބޭނުން ކުރެއެވެ. އަދި ޙަރަމްފުޅުގެ ކާޕެޓްތައް ސްޓެލައިޒް ކުރާއިރު ސާފުކުރުމަށް ތިމާވެއްޓާ ރައްޓެހި 1800 ލީޓަރ ގެ ލިކުއިޑް ކޮންމެ ދުވަހަކު ބޭނުން ކުރެއެވެ. ހަމައެހެންމެ ގެފުޅުގެ އުރަކޮޅު އެންމެ އިންޗިއެއް ވެސް ވައްޓާނުލާ ސުޓެލައިޒްކޮށް ފުރިހަމައަށް ސާފުކުރެއެވެ.
މި ބޮޑު މަސައްކަތް އިޝާ ނަމާދުގެ ފަހުން ފަތިސްނަމާދާއި ދެމެދު ގާތްގަޑަކަށް 8 ގަޑިއިރު ތެރޭގައި އެ ކުރަނީ އެންމެ ފަހަރަކު ނޫނެވެ. ކޮންމެ ރެއަކު ތިންފަހަރު މި މަސައްކަތް ތަކުރާރު ކޮށް ޙަރަމްފުޅުގެ ސާފުތާހިރު ކަން ޔަގީން އެކުރަނީ ކަށަވަރުން ވެސް ބިމުގެ މާތްކަމުންނެވެ. އެތަނުގައި ކުރެވޭ އަޅުކަމުގެ މާތްކަމުންނެވެ. އެއިލާހުގެ ގެކޮޅުގެ މާތްކަމާއި ޝަރަފް އެއިލާހު ދަމަހައްޓަވާނެއެވެ.