ޚަބަރު

އީދު ބަންދުގައި ވެސް ޕާސްޕޯޓް ހިދުމަތް ދޭނެ

ފާރިހާ ޢަދުނާން ، ދެން އޮންލައިން
އިމިގްރޭޝަންގެ ކައުންޓަރަކުން ޕާސްޕޯޓުގެ ހިދުމަތް މީހަކު ހޯދަނީ/ ފޮޓޯ: އިމިގްރޭޝަން

އަޟްހާ އީދުގެ މުނާސަބަތުގައި އަންނަ ސަރުކާރު ބަންދު ދުވަސްތަކުގައި ވެސް ޕާސްޕޯޓުގެ ހިދުމަތް ދޭނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

Ads by MWSC

އިމިގްރޭޝަނުން ބުނީ، ޕާސްޕޯޓުގެ ހިދުމަތް ދޭން ހަމަޖެހިފައިވަނީ މި މަހުގެ 17 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

އެ މުއްދަތުގެ ތެރޭގައި ކޮންމެ ވަގުތަކުވެސް އިމުގާ ޕޯޓަލް މެދުވެރިކޮށް ޕާސްޕޯޓަށް އެދި ހުށަހެޅޭނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

އޭގެ އިތުރުން އެމަޖެންސީ ހާލަތްތަކާއި، 65 އަހަރަށް ވުރެ މަތީގެ މީހުންނަށް ޕާސްޕޯޓް ހެދުމުގެ މަސައްކަތް ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 9 އަކުން 1 ޖެހުމާއި ހަމައަށް ކުރިއަށްދާނެ ކަމަށް ވެސް އިމިގްރޭޝަނުން ބުނެއެވެ. އަދި އެފަދަ ހާލަތްތަކުގައި އޮންލައިންކޮށް ވެސް، އޮފީހަށް ޒިޔާރަތްކޮށްގެން ވެސް ޕާސްޕޯޓަށް އެދި ހުށަހެޅޭނެއެވެ.

އިމިގްރޭޝަނުން ބުނި ގޮތުގައި އީދު ބަންދު ދުވަސްތަކުގައި ޕާސްޕޯޓާއި ހަވާލުވުމަށް ނަންބަރު ދޫކުރަން ހަމަޖެހިފައިވަނީ ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 8:30 އިން 16:00 އަށެވެ. އަދި އެ ނަންބަރު ކިއުބީ އެޕްލިކޭޝަން މެދުވެރިކޮށް ވެސް ނެގެން ހުންނާނެ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

ބަންދު ދުވަސްތަކުގައި މެޑިކަލް އެމަޖެންސީ ހާލަތެއް މެދުވެރިވެ، ޕާސްޕޯޓް ބޭނުންވެއްޖެ ހާލަތެއްގައި އިމިގްރޭޝަންގެ ނަންބަރު 9555333 އަށް ގުޅުމަށް އެދިފައިވެއެވެ.

ރަސްމީ ބަންދު ދުވަސްތަކުގައި މީގެ ކުރިން ވެސް އިމިގްރޭޝަނުން ޕާސްޕޯޓްގެ ހިދުމަތް ދެމުން އަންނަކަން ފާހަގަ ކޮށްލެވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!