ދުނިޔެ

ޖީ7 ގައި ބައިރިވުމަށް މޯދީ އިޓަލީއަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޖޫން މަހުގެ 13 އަދި 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ 50 ވަނަ ޖީ7 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަންނަ ބުރާސްފަތި ދުވަހު އިޓަލީއަށް ފުރާވަޑައިގަންނަވަން ނިންމަވައިފިއެވެ. ޖޫން މަހުގެ 14 ވަނަ ދުވަހު ޕުގްލިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖީ7 އައުޓްރީޗް ސަމިޓަށް އިޓަލީގެ ބޮޑުވަޒީރު ޖޯޖިއާ މެލޯނީ ވަނީ މޯދީއަށް ދައުވަތު ދެއްވާފައެވެ.

Ads by WAMCO

މޯދީގެ މި ދަތުރުފުޅާ ގުޅޭ ގޮތުން ދެއްވި ހާއްސަ ބްރީފިންއެއްގައި ފޮރިން ސެކްރެޓަރީ ވިނޭ މޯހަން ކްވާތުރާ ވިދާޅުވީ އިޓަލީގެ ބޮޑުވަޒީރުގެ ދައުވަތަކަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މާދަމާ އިޓަލީގެ އަޕޫލިއާއަށް ވަޑައިގަންނަވާނީ ޖޫން މަހުގެ 14 ވަނަ ދުވަހު އެގައުމުގައި ބޭއްވުމަށް ހަމަޖެހިފައިވާ 50 ވަނަ ޖީ7 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށެވެ. ފާހަގަކޮށްލެވޭ ގޮތުގައި މިއީ ބޮޑުވަޒީރުކަމުގެ ތިންވަނަ ދައުރެއްގައި ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު މޯދީ ރާއްޖެއިން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

"މީގެ ސަބަބުން ޖީ-7 ސަމިޓްގައި ބައިވެރިވާ ދުނިޔޭގެ އެހެން ލީޑަރުންނާ އެކު ވެސް އިންޑިއާ އަށާއި ގްލޯބަލް ސައުތުއަށް ވެސް މުހިންމު ކަންކަމާ ގުޅޭ ގޮތުން ވާހަކަ ދެއްކުމުގެ ފުރުސަތު ލިބިގެންދާނެ،" ކްވާތުރާ ވިދާޅުވި އެވެ. މި ސަމިޓުގައި މޯދީ ޖޯޖިއާ މެލޯނީއާ އެކު ބައިލެޓަރަލް ބައްދަލުވުމެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

"އެ މީހުން އެންމެ ފަހުން ބައްދަލުކުރީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު އަބޫދާބީގައި ބޭއްވި ކޮޕް 28 ސަމިޓުގެ ތެރެއިން،" ކްވާތުރާ ވިދާޅުވި އެވެ. މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބައްލަވާލައްވައި، ކުރިއަށް އޮތް ފިޔަވަޅަށް އިރުޝާދު ދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިޓަލީއަކީ މިއަހަރު ޖީ-7ގެ ޗެއާ ކަމަށާއި ދުނިޔޭގެ ކުރިއަރާފައިވާ ހަތް އިގްތިސާދުހިމެނޭ ނުރަސްމީ ގްރޫޕްގެ ސަމިޓް ބާއްވަމުން އަންނަ އިރު، އޭގެ ތެރޭގައި ކެނެޑާ، ފަރަންސޭސިވިލާތް، ޖަރުމަނު ޖަޕާން އިނގިރޭސިވިލާތް އަދި އެމެރިކާ އަދި ޔޫރަޕިއަން ޔޫނިއަން ހިމެނެއެވެ. މިއީ ޖީ-7 ސަމިޓުގައި އިންޑިއާ އިން ބައިވެރިވާ 11 ވަނަ އަދި ޖީ7 ސަމިޓުގައި މޯދީ ޖެހިޖެހިގެން ބައިވެރިވާ ފަސް ވަނަ ފަހަރެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!