ދުނިޔެ

ޢަރަބި ދުނިޔޭގައި އިޒްރޭލުން ބާރުގަދަ ކުރަނީ ، މަދަދުވެރިވަނީ ވެސް ޢަރަބީން

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

އިންސާނީ ޙައްޤުގެ ނަމުގައި އިޒްރޭލް ކުރިއެރުވުމުގެ ފަހަތުގައި އަބަދުވެސް އޮންނަ ބަޔަކީ އެމެރިކާއެވެ.  ވަކި އުމުރެއް . ވަކި ޖިންސަކަށް ބެލުމެއް ނެތި ފަލަސްތީނުގެ ރައްޔިތުންނަށް ކުރަމުން އެދާހާ ތުރާތަކާއި ޖެއްސުންތަކަކީ އެވާހަކަތައް އިވިއްޖެނަމަ ކަރުނުން ރޮއްވާލާނެ ވާހަކަތަކެވެ.

Ads by Sosun Fihaara

ކަރަންޓް ނުލިބުމުގެ ސަބަބުން ، އަލިކަން ހޯދުމަށް ދިއްލާލާ އުއްބައްތިން ގޭގައި ރޯވެ ތުއްތު ކުދިންތައް މަރުވެފައި އެބަހުއްޓެވެ. މުޅި އުމުރު ހުސްކޮށްގެން ދާ އޮހޮރުވައިގެން ބިނާކުރި ގެ ، މިހާރު އެހުރީ އިޒްރޭލްގެ ބިމެއްގައި ކަމަށް ބުނެ އަމިއްލަ އަތުން ބިމާ ހަމަކުރަން ޖެހިފައި އެބަ ހުއްޓެވެ. ގޭގައި ޢާއިލާއާއެކު އުޅެނިކޮށް ، ޔަހޫދީ ސިފައިން ވަދެ މަންމައާއި ބައްޕަގެ ކުރިމަތީގައި ދަމާ ކޫއްތާ އެމީހުންގެ ބެލުމުގެ ދަށަށް ގެންދަނީ މަދު ފަހަރަކު ނޫނެވެ.

މި ދަންނަވާލެވުނީ އިޒްރޭލުންގެ އަނިޔާގެ އެންމެ ކުޑަ މިންވަރެވެ. ފިރިންގެ ކުރިމަތީގައި އަނބީންގެ ޢިއްފަތްތެރިކަން ނަގާލުމާއި މެރުންފަދަ ކަންކަން ނޫން ބައެއް ވާހަކައެވެ.

އިޒްރޭލުގެ ކުރިއެރުމަށް އެގައުމުގެ ބެލެނިވެރިޔާ ، އެމެރިކާ ކޮށްދޭ އެންމެ މުހިންމު އެއް މަސައްކަތަކީ އިޒްރޭލަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމާއި ގުޅުން ބަދަހި ކުރުމަށް އެކި ގައުމުތަކުގައި ދަންނަވާ އާދޭސް ކުރުމެވެ، މި އާދޭސްތަކަށް އިޖާބަދޭ ގައުމުތައް ވެސް ދުވަހުން ދުވަހަށް އިތުރުވަމުންދާއިރު އެންމެ ފަހުން މި ލިސްޓަށް އިތުރުވި ނަމަކީ ޢަރަބި ދައުލަތެކެވެ. އާދެ! އިސްލާމީ ދައުލަތެކެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)އާއި އިޒްރޭލާއި ދެމެދު އެންމެ ފަހުން ވެވުނު ގުޅުން ބަދަހި ކުރުމުގެ އެއްބަސްވުމަކީ އެމެރިކާއިން މެދުވެރިއެއްގެ ދައުރު އަދާ ކުރި އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ދަށުން މިދިޔަ ހޯމަ ދުވަހު އަރަބި އިމާރާތާއި އިޒްރޭލުން ވަނީ ދެ ގައުމުގެ ދެމެދުގައި ވައިގެ ދަތުރުތައް ފަށާފައެވެ. ހަމައެހެންމެ އަރަބި އިމާރާތުގެ އެދުމަށް މި ދަތުރުތަކަށް ބަހުރެއިންގެ ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދަ ދިނުމަށް އެގައުމުން މިހާރު ނިންމާފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

އަރަބި އިމާރާތާއި އިޒްރޭލުން ގުޅުން ބަދަހި ކުރުމާއި ގުޅިގެން އެކަމަށް އިސްލާމީ ގައުމުތަކުގެ ބައެއް ލީޑަރުން ވަނީ ފާޑު ވިދާޅުވެފައެވެ. އެގޮތުން އިޒްރޭލަކީ ބާރުގަދަ ގައުމެއް ނަމަވެސް ފަލަސްތީނަށް ފުރިހަމަ މިނިވަން ކަމެއް ނުލިބެނީސް އިޒްރޭލާއި ފަލަސްތީނުގެ މައްސަލައަށް ހައްލެއް ނުލިބޭނެ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާންޚާން ވަނީ އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައެވެ. އިޒްރޭލާއި އަރަބި އިމާރާތް ގުޅުން ބަދަހި ކުރުމާއި ގުޅޭ ގޮތުން އީރާންގެ ރޫހާނީ ލީޑަރު އާޔަތުﷲ ހުމައިނީ ސިފަ ކުރެއްވީ އެއީ އަރަބި އިމާރާތުން އިސްލާމީ އުއްމަތަށްވީ ބޭވަފާތެރިކަމެއް ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!