ކުޅިވަރު ފުޓްބޯޅަ

ފަހަތުންއަރައި ސްލޮވާކިއާ ބަލިކޮށް ޔޫކްރޭނުން ދެވަނަ ބުރުގެ އުންމީދުގައި

ސްޕޯޓްސް ޓީމް ، ދެން އޮންލައިން

ފަހަތުންއަރައި ސްލޮވާކިއާ ބަލިކޮށް ޔޫކްރޭނުން ދެވަނަ ބުރުގެ އުންމީދު އައުކޮށްފިއެވެ.

Ads by MWSC

ޔޫރޯ 2024 ގެ މިރޭ ކުޅުނު މެޗުގައި ސްލޮވާކިއާއިން ގޯލެއް ޖަހައިފަައިވަނިކޮށް ފަހަތުން އަރައި ޔޫކްރޭން މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ.

މިރޭގެ މެޗަކީ ދެ ޓީމަށް ވެސް ނުހަނު މުހިންމު މެޗެކެވެ. އެ މެޗު ކާމިޔާބުކޮށްގެން ސްލޮވާކިއާއަށް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކުރެވޭއިރު، ދެވަނަ ބުރުގެ ޖާގައަކަށް ވާދަކުރުމަށް ޔޫކްރޭންއަށް މި މެޗުން މޮޅުވުން މަޖުބޫރެވެ.

އެ މެޗުގެ 17 ވަނަ މިނެޓުގައި ސްލޮވާކިއާއިން ވަނީ ގޯލެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. ސްލޮވާކިއާބެ ލޫކަސް ހަރާސްލިން ނެގި ހުރަހަކަށް އަރައި ބޮލުން އެ ގޯލު ކާމިޔާބުކުރީ ޝަޕަރެންކޯއެވެ.

ދެވަނަ ހާފު ފަށައިގެން ޔޫކްރޭނުން ވަނީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށްފައެވެ. އެގޮތުން މެޗުގެ 58 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ގޯލެއްޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އޮލެކްސެންޑާ ޒިންޗެންކޯ ތަނަވަސްކުރި ފުރުސަތަކުން އެ ގޯލުޖެހީ މިކޯލާ ޝަޕަރެންކޯއެވެ.

މެޗު ނިމުމުގެ ކުރިން ޔޫކްރޭނުން ވަނީ ގޯލެއްޖަހަަައި މެޗުގެ ލީޑު ނަގަައިފައެވެ. މެޗު ނިމެން 10 މިނެޓަށް ވެފަައިވަނިކޮށް އެ ގޯލު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ރޯމަން ޔާމަޗުކްއެވެ.

އެ މެޗުން މޮޅުވެ ޔޫކްރޭން ވަނީ ދެ މެޗު ކުޅެ ތިން ޕޮއިންޓު ހޯދައިގެން ގްރޫޕް އީގެ ދެވަނައަށް ޖެހިލައިފައެވެ. މެޗުން ބަލިވި ސްލޮވާކިއާ ވެސް ދެ މެޗު ކުޅެގެން ވަނީ ތިން ޕޮއިންޓު ހޯދައިފައެވެ. އެ ޓީމު އޮތީ ތާވަލުގެ ތިންވަނައިގައެވެ. ތާވަލުގެ އެއްވަނައިގައި ރޮމާނިއާ އޮތީ އެއް މެޗު ކުޅެ ހޯދި ތިން ޕޮއިންޓި ހޯދައިގެންނެވެ. އެ ގްރޫޕްގެ ފޭވަރިޓްކަމަށް ބެލެވުނު ބެލްޖިއަމް އޮތީ ތާވަލުގެ ފުލުގައި އެއް ވެސް ޕޮއިންޓެއް ނުލިބިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!