ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިއާގެ ގޮތުގައި އަދިވެސް ގިނަ ބަޔަކު އިއްތިފާގުވާ އުމުރުން 39 އަހަރުގެ ކްރިސްޓިއާނޯ ރޮނާލްޑޯ ގޯލު ޖަހަން ލިބުނު ފުރުސަތުގައި ގޯލު ނުޖަހައި އެސިސްޓު ކުރުމުންވެސް ރެކޯޑެއް ލިބިއްޖެއެވެ.
ރޭ ޕޯޗުގަލްއާއި ތުރުކީ ބައްދަލުކުރި މެޗުގައި ތުރުކީ އޭރިއާ ތެރޭގައި ހުސްކޮށް ރޮނާލްޑޯ ހުރެފައި ހުސްކޮށް ހުރި ގޯލަށް ނުޖަހައި އެ ބޯޅަ ޕާސްކޮށްލީ އެ ޓީމުގެ ބުރުނޯ ފަނާންޑެޒްއަށެވެ. އޭނާ ވަނީ ފަސޭހަކަމާއެކު އެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިފައެވެ.
އެ ބޯޅަ ރޮނާލްޑޯ ފޮނުވާލިނަމަ ޔޫރޯ މުބާރާތުގައި އޭނާ ހަދާފައިވާ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއާގެ ރެކޯޑު ރޮނާލްޑޯއަށް އައުކުރެވުނީހެވެ. ރޮނާލްޑޯ ވަނީ ޔޫރޯގައި 14 ގޯލު ޖަހަައިފައެވެ. އެ ލިސްޓުގެ ދެވަނައިގައި އޮތީ ފްރާންސްގެ ކުރީގެ ކުޅުންތެރިޔާ، މިހާރު އުމުރުން 69 އަހަރުގެ މިޝެލް ޕްލެޓިނީއެވެ. އޭނާ ވަނީ ޔޫރޯގައި 9 ގޯލުޖަހައިފައެވެ. ލިސްޓުގެ ތިންވަނައިގައި ފްރާންސްގެ ކެޕްޓަން ގްރީޒްމަން އޮތީ ހަތް ގޯލު ޖަހައިގެންނެވެ.
ރޭގެ މެޗުގައި ރޮނާލްޑޯ އެސިސްޓުކުރުމުން އޭނާއަށް ވަނީ މުޅިން އައު ރެކޯޑެއް ލިބިފައެވެ. އެއީ ޔޫރޯގެ އެންމެ ގިނަ އެސިސްޓު ހެދުމުގެ ރެކޯޑެވެ. ރޭ ރޮނާލްޑޯ ހެދި އެސިސްޓާއެކު އޭނާ ވަނީ އެ މުބާރާތުގައި އަށް އެސިސްޓު ހަދައިފައެވެ. ޕޮލެންޑުގެ ކުރީގެ ކުޅުންތެރިޔާ ކަރެލް ޕޮބޯސްކީ ވެސް ވަނީ ޔޫރޯގަައި އަށް އެސިސްޓު ހަދަައިފައެވެ.
ރޮނާލްޑޯ ހެދި އެސިސްޓާއެކު މޮޅުވެ ޕޯޗުގަލް ދެވަނަ ބުރަށް ދިޔައީ ގްރޫޕް އެފްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ދެ މެޗު ކުޅެ އެ ޓީމު ވަނީ ހަ ޕޮއިންޓު ހޯދައިފައެވެ. ދެވަނައިގައި އޮތް ތުރުކީއަށް ދެ މެޗުން ލިބުނީ ތިން ޕޮއިންޓެވެ. ތިންވަނައިގައި އޮތް ޗެކް ރިޕަބްލިކް އަދި ފުލުގައި އޮތް ޖޯޖިއާއަށް ލިބިފަައިވަނީ އެއް ޕޮއިންޓެވެ.