ބަހަނާ ނުދައްކާ މަސްވެރިންނަށް ފައިސާދީ: ޝާހިދު
ސަރުކާރުން މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުދިނުން ގޯސް ކަމަށާއި އެކަމުގައި ދެއްކޭނެ ބަހަނާއެއް ނެތް ކަމަށް ރާއްޖޭގެ އިދިކޮޅު ޕާޓީ އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ކިރާ މަހަށް ފައިސާ ނުލިބޭތީއާއި ލޭނު މަސްވެރިކަމާ ދެކޮޅު ހެދުމުގެ ގޮތުން މަސްވެރިން އިހުތިޖާޖުކުރަމުންދާތާ މިހާރު ދުވަސްކޮޅެއް ވެއްޖެ އެވެ. މިފްކޯއަށް މަސްވެރިން ކިރާ މިހަށް ފައިސާ ނުދައްކާތާ ދޮޅު މަހެއްހާ ދުވަސް ވަނީ ވެފަ އެވެ. އެގޮތުން، އައްޑޫ ހުޅުމީދޫގައި ހުންނަ މިފްކޯ ފެކްޓަރީގައި މަސްވެރިން މުޒާހަރާ ކުރަމުންދާތާ މިހާރު ދެ ދުވަސް ވެއްޖެ އެވެ.
މިކަމުގައި އދ. ގެ އާއްމު މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި ޝާހިދު ވިދާޅުވީ ބަޔަކު އަތުން އެއްޗެއް ގަނެފިއްޔާ އެ އެއްޗެއްގެ އަގު އަދާކުރުމަކީ ގަންނަ ބައެއްގެ ވާޖިބެއް ކަމަށެވެ. އޭނާ ވިދާޅުވީ އެއީ ބައެއްގެ ދީލަތިކަމުން ކުރަން ޖެހޭ ކަމެއް ނޫން ކަމަށެވެ.
މަސްވެރިން އަތުން ސަރުކާރުން މަސްގަނެފައި ފައިސާ ނުދައްކާނަމަ، އެއީ ގޯހެއް. އޭގައި ދެއްކޭނެ ބަހަނާއެއް ނެތް. މަސްވެރިން އަތުން ސަރުކާރުން މަސް ގަނެގައި ފައިސާ ނުދައްކާނަމަ އެއީ ގޯހެއް
ކުރީ ސަރުކާރުގައި ފޮރިން މިނިސްޓަރުކަން ވެސް ކުރެއްވި ޝާހިދު ވަނީ އައްޑޫ މަސްވެރިންނާއި އެހެނިހެން މަސްވެރިން އަތުން ގަނެފައިވާ މަހަށް ނުދައްކާ ހުރި ފައިސާ ދައްކާ ހަލާސްކުރުމަށް ސަރުކާރަށް ގޮވާލައްވާފަ އެވެ.
މި މައްސަލައިގެ އަޕްޑޭޓެއް ހޯދުމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އަށް ތަކުރާރުކޮށް ގުޅައި މެސެޖުކުރުމުން ވެސް ޖަވާބެއް ނުދެ އެވެ.