ދުނިޔެ

ދީނަށް ފުރައްސާރަ ކުރި މީހަކު ޕާކިސްތާނުގައި މަރާލައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނުގެ ހުޅަނގު އުތުރުޕްރޮވިންސް ކަމަށްވާ ޚައިބަރު ޕަޚްތޫންޚުވާގައި މުސްލިމުންގެ މާތް ފޮތް ކަމުގައިވާ ކީރިތި ޤުރުއާނަށް ފުރައްސާރަކުރި ކަމުގެ ތުހުމަތުގައި އުމުރުން 36 އަހަރުގެ ފިރިހެނަކު މަރުވެ އޭނާގެ ހަށިގަނޑު އަންދާލައިފިއެވެ.

Ads by WAMCO

ބުރާސްފަތި ދުވަހުގެ ރޭ ހިނގި މި ހާދިސާ ހިނގާފައިވަނީ ވެރިރަށް އިސްލާމްއާބާދާ 280 ކިލޯމީޓަރު (174 މޭލު) ދުރުގައި އޮންނަ ފަތުރުވެރިންގެ މެދުގައި މަގުބޫލު ސްޕޮޓެއް ކަމަށްވާ ސްވަޓް ޑިސްޓްރިކްޓްގެ އަވަށެއް ކަމަށްވާ މަދްޔާނުގައެވެ.

ސްވަޓްގެ ފުލުހުންގެ އޮފިޝަލުން ބުނި ގޮތުގައި އައިޑެންޓިޓީ ހާމަކޮށްފައި ނުވާ އެ މީހާއަކީ ޕަންޖާބުގެ ސިއާލްކޯޓަށް ނިސްބަތްވާ ޓޫރިސްޓެއް ކަމަށާއި އޭނާ އަކީ "ގުރުއާނަށް ފުރައްސާރަ ކުރި" ކަމަށް ތުހުމަތު ކުރެވޭ މީހެކެވެ. އެ މީހާ ކުރި ކަމެއް ސީދާ ސާފެއް ނުވެ އެވެ.

"އަހަރެމެންގެ ފުލުހުންގެ ޓީމެއް މަދްޔާންގެ މައި މާރުކޭޓަށް ގޮސް އެ މީހާ ހައްޔަރުކޮށް ޕޮލިސް ސްޓޭޝަނަށް ގެންދިޔަ، އެކަމަކު އެއްވެ ތިބި މީހުން އެދުނީ އޭނާ އާ ހަވާލުކޮށްދޭން،" ނަން ނުޖެހުމަށް ޝަރުތުކޮށް އަލްޖަޒީރާއަށް މައުލޫމާތު ދެމުން ފުލުހުންގެ އޮފިޝަލަކު ވިދާޅުވި އެވެ.

އޮފިޝަލުން އިތުރަށް ވިދާޅުވީ އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މަދްޔާން ޕޮލިސް ސްޓޭޝަންގެ ބޭރުގައި އެތައް ސަތޭކަ ބަޔަކު އެއްވެ އެތަނަށް ހަމަލާދީ އެ މީހާ މަރާލުމުގެ ކުރިން އެތަނުން ނެގި ކަމަށެވެ. އޭނާ މަރާލީ ކިހިނެއް ކަމެއް ނޭނގުނު ނަމަވެސް، މަދްޔަންއާ ގާތްގަނޑަކަށް އެއް ގަޑިއިރު ދުރުގައި ހުންނަ ސެންޓްރަލް ސްވަޓް ޕޮލިސް ހެޑްކުއާޓަރުގައި މަސައްކަތް ކުރާ ފުލުހުންގެ އޮފިޝަލަކު ފޯނުން އަލްޖަޒީރާއަށް މައުލޫމާތު ދެމުން ބުނީ އެ މީހާއަށް "އަނިޔާކޮށް މަރާލާފައިވާ" ކަމަށެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި ގިނަ އަދަދެއްގެ ބަޔަކު ދީނީ ޝުއޫރުތައް ކިޔައި އަނދަމުން ދިޔަ ހަށިގަނޑެއް ވަށައިގެން ތިއްބެވެ.

ސްވަޓް ފުލުހުންގެ އިސް އޮފިޝަލެއް ކަމަށްވާ ޒާހިދު الله ޚާން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ޖަމާއަތުން ވަނީ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ ވެހިކަލެއްގައި ވެސް ރޯކޮށްލާފައި ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް އެ ހާދިސާއާ ގުޅިގެން ފަސްޓް އިންފޮމޭޝަން ރިޕޯޓެއް (އެފްއައިއާރު) ހުށަހެޅި ކަމެއް ނުވަތަ އެއްވެސް މީހަކު ހައްޔަރުކުރި ކަމެއް ފުލުހުން ކަށަވަރުކޮށްދީފައެއް ނުވެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!