ސައުތް ޗައިނާ ކަނޑުގައި ޖަޕާނުގެ އުޅަނދަކަށް ޗައިނާއިން ހުރަސް އަޅައިފި

ޗައިނާގެ ކޯސްޓްގާޑުން ބުނީ ޖޫން މަހުގެ 20 އިން 24 އަށް ޑިއާއޯޔޫ އައިލެންޑްސްގެ "ކަނޑުގެ ސަރަހައްދަށް" އެތެރެވި ޖަޕާނުގެ ހަތަރު މަސްދޯންޏާއި ޕެޓްރޯލް ކުރާ ބައެއް ބޯޓުތަކާ ދެކޮޅަށް "އަޅަންޖެހޭ ކޮންޓްރޯލް ފިޔަވަޅުތައް" އަޅައި "ދުއްވާލާފައިވާ" ކަމަށެވެ.
އެ ރަށްތަކުގެ ވަށައިގެންވާ ކަނޑުގެ ސަރަހައްދަކީ ޗައިނާ އާއި ޖަޕާނުން ވެސް ދެބަސްވެ، އެ ރަށްތަކަށް ސެންކަކޫ އައިލެންޑްސް ކިޔާ ސަރަހައްދެކެވެ. ދެ ފަރާތުން ވެސް ވަނީ ކަނޑުގެ ސަރަހައްދުގައި ކުރިމަތިލައި ޕެޓްރޯލް ބޯޓުތައް ބަހައްޓައި އަނެއް ފަރާތަށް އެ ސަރަހައްދު ދޫކޮށް ދިއުމަށް ގޮވާލައިފަ އެވެ.
ޗައިނާގެ ކޯސްޓްގާޑުގެ ތަރުޖަމާނަކު ނެރުނު ބަޔާނެއްގައި ބުނީ އެ ސަރަހައްދުގައި ގާނޫނާ ހިލާފަށް ހިންގާ ހުރިހާ ކަމެއް މިހާރުން މިހާރަށް ހުއްޓާލައި އެފަދަ ހާދިސާތައް ތަކުރާރު ވިޔަ ނުދިނުމަށް ޖަޕާނަށް އިލްތިމާސް ކުރާ ކަމަށެވެ.