ޚަބަރު ރައްޔިތުންގެ މަޖިލިސް

ބިދޭސީންގެ ކޯޓާ އުވާލަން ހުށަހަޅަނީ

މަރިޔަމް އުމްނާ އިސްމާޢިލް ، ދެން އޮންލައިން
ލިޔެކިއުން ނެތް ބިދޭސީން ކިއޫގައި -- ދެން އިމޭޖްސް

އެއް ގައުމަކުން ރާއްޖެއަށް ބިދޭސީ މަސައްކަތްތެރިން ގެނައުމަށް ކަނޑައަޅާފައިވާ ކޯޓާ އުވާލުމަށް ވަޒީފާއާ ބެހޭ ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހަޅާނެ ކަމަށް ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

Ads by MWSC

އޭނާ މިގޮތަށް ވިދާޅުވީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެން ދެއްކެވި ވާހަކައިގަ އެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން 1 ލައްކައިގެ ލިމިޓުގައި ބާއްވައިގެން މިވަގުތު ރާއްޖޭގައި އޮތް ލޭބާ ޑިމާންޑަށް ކޭޓާ ކުރެވޭނެ ކަމަކަށް" ވަޒީރު ވިދާޅުވި އެވެ.

މިކަން ކުރުމުގެ ކުރިން ފިޔަވަޅުތަކެއް އަޅަންޖެހޭ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެއީ ރާއްޖެއަށް އެތެރެވާ ބިދޭސީންގެ ބަޔޯމެޓްރިކްސް ނަގައި އެ މީހުންގެ މައުލޫމާތު ބެލެހެއްޓޭނެ ނިޒާމެއް ގާއިމުކުރުމާއި ރަށްރަށަށް ގެންދާ ބިދޭސީންނަށް ދޭ ޕާމިޓަކީ ރަށު ކައުންސިލްތަކުން ވެސް ގަބޫލުކުރާ އެއްޗަކަށް ހެދުމެވެ. މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް ހަފްތާ ތެރޭގައި އެ ނިޒާމު އެކުލަވާލުމުގެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.

2020 ވަނަ އަހަރު ގާނުނަށް ގެނެސްފައިވާ އިސްލާހުގައިވާ ގޮތުން، ރާއްޖޭގައި މަސައްކަތްކުރުމަށް އެއް ގައުމަކުން އެންމެ ގިނަވަގެން އެތެެރެކުރެވެނީ 1 ލައްކަ މީހުންނެވެ.

މީގެކުރިން ވަޒީރު މަޖިލީހަށް ހާޒިރުވެވަޑައިގެން ވިދާޅުވި ގޮތުގައި ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެނީ ކިހާ އަދަދެއްގެ ބިދޭސީންތޯ ކަށަވަރުނުކުރެވޭ ކަމަށެވެ. އެކަމަކު އެކްޓިވް 135،000 ވޯކްޕާމިޓްގެ ތެރެއިން ގަވައިދުން ފައިސާ ދައްކަމުންދާ 39،004 މީހުން ތިބިކަން ފާހަގަކުރައްވަމުން ވަޒީރު އޭރު ވިދާޅުވީ އެހެންކަމުން ބާކީ ތިބި 96،000 މީހުންނަކީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ކަމަށް ބެލެވިދާނެ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!