ޚަބަރު

އެމްޑީޕީއަށް 19: ޕާޓީގެ ރައީސް ޝާހިދު ވިދާޅުވަނީ ކަންކަން ވަރިހަމަނުކުރާނެ ކަމަށް

އަލީ ސަމާޙް ، ދެން އޮންލައިން
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު/ ފޮޓޯ؛ ދެން

އެމްޑީޕީއަށް ކޮންމެ ގޮތެއް ވަރިހަމަނުވާނެ ކަމަށް އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

Ads by MWSC

އެމްޑީޕީއަށް 19 އަހަރު ފުރުމުގެ މުނާސަބަތުގައި 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ކުރީގެ ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވީ ޒުވާންކަމުގެ ޖޯޝާއި އެކު ހަރުދަނާ ޒިންމާދާރު ހިތްވަރުގެ ޖޯޝަށް މިސްރާބު އެމްޑީޕީ ސީދާ ކުރަންވީ ވަގުތު ޖެހުނީ ކަމަށެވެ.

"މިއީ ކޮންމެ ގޮތެއް ވަރިހަމަ ނުވެވޭނެކަމުގެ އުމުރެވެ. ވާނެ އެއްޗެއްވާން ދޫކޮށްނުލެވޭނެކަމުގެ ފިޔަވަޅެވެ" އޭނާ ވިދާޅުވީ އެމްޑީޕީ އަކީ ރައްޔިތުންގެ އުންމީދު ކަމަށެވެ. އަދި ފާރަވެރި ވާދަވެރި ސިޔާސީ ނިޒާމެއްގެ އަލި ދަންމަރު ކަމަށްވެސް އދ. ގެ އާއްމު މަޖިލީހުގެ ރައީސްކަންވެސް ކުރެއްވި ޝާހިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ އިޖުތިމާއީ، އިގްތިސާދީ އަދި ސިޔާސީ ވެށީގެ ރައްކާތެރި މީޒާން ކަމަށާއި، އާންމު ރައްޔިތުންގެ ހަމައިގައި ހަމަ ހަމަ ފުރުސަތު އޮންނަ ނޫ އިގްތިސާދަކާއި، ޖީލުތައް ރައްކާތެރިވާނެ ތިމާވެށި ހިމާޔަތް ދިރިއުޅުމެއް ދިވެހިންނަށް ހޯދައިދިނުމީ އުފާވެރި ރާއްޖެއެއްގެ އަސާސް ކަމަށްވާ އިސްލާމްދީނުގެ ތަރުބިއްޔަތާއި، ޒަމާނީ ޑިމޮކްރެޓިކް މުޖުތަމެއްގެ ސިފަތައް ދައުލަތުގެ އެންމެހައި ބަހާތަކުން ފެންނަކަން ކަށަވަރު ކުރުމަކީ އެ ޕާޓީގެ އަމާޒު ކަމަށެވެ.

"ދޮގާއި މަކަރާއި އޮޅުވާލުމުގައި ދިވެހިން މަކުޑިއަޅުވާ، ބަންދުކޮށް، ހުއްޓުވިދާނެކަމަށް އެއްވެސް ބަޔަކު ގަބޫލު ކުރާނަމަ އެކުރެވެނީ ވަރަށް ބޮޑު ކުށް ހީއެކެވެ. ދިވެހިންނަކަށް ކޮންމެ ގޮތެއް ވަރިހަމަ ނުވާނެއެވެ. އެމްޑީޕީ އަކަށް ކޮންމެ ގޮތެއް ވަރިހަމަ ނުވާނެއެވެ" ޝާހިދު ވިދާޅުވި އެވެ.

މޯލްޑިވިއަން ޑެމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަކީ ދިވެހިރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ ސިޔާސީ ޕާޓީ އެވެ.

އެމްޑީޕީ އެންމެ ފުރަތަމަ ގާއިމުކުރެވުނީ ލަންކާގެ ކޮޅުނބުގައި އަރުވާލެވިގެންތިބެ، ނޮވެންބަރު 2003 ގައެވެ. ސިޔާސީ ޕާޓީ ހިންގުން ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސަރުކާރުން މަނާކޮށްފައި އޮތްނަމަވެސް، އެމްޑީޕީއިން ދިޔައީ ޕާޓީ އުފެއްދުމަށް ބޭނުންވާ 42 މީހުންގެ ސޮއެހޯދުމާއެކު، މުޅި ރާއްޖޭގައި އިންތިޒާމުވަމުންނެވެ.

2005 ވަނަ އަހަރުގެ ޖެނުއަރީ ގައި ބޭއްވުން ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އެމްޑީޕީއަށް ތާއިދުކުރާ ފަރާތްތަކުން އެކަން އާންމުކޮށް އިއުލާންކޮށް ފުރަތަމަ ފަހަރަށް އެމްޑީޕީއަށް ނިސްބަތްވާ ކެންޑިޑޭޓުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރި އެވެ. އެއާއެކު 2005 ވަނަ އަހަރުގެ ޖޫން ގައި ގާނޫނީ އޮނިގަނޑަށް ބަދަލުގެނެސް، ރާއްޖޭގައި ސިޔާސީ ޕާޓީތައް ރަޖިސްޓަރީ ކުރުމަށް ގާނޫނީ ބާރު ލިބި، ފުރަތަމަ ފަހަރަށް އެމްޑީޕީއަށް ހުއްދަ ލިބިގެންދިޔަ އެވެ. ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ ރަޖިސްޓްރީ ކުރީ 2005 އަހަރުގެ ޖޫމް މަހުގެ 23 ގަ އެވެ.

އެމްޑީޕީގެ ފުރަތަމަ ސަރުކާރު އިންތިހާބުކުރެވުނީ އަތްފޯރާފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި، ބޭސްފަރުވާއަށް ސަލާންޖެހުން ނައްތާލުމާއި، މަސްތުވާތަކެއްޗަށް ހުޅުވި ދޮރުތައް ބަންދުކުރުމާއި، ދިރިއުޅުމުގެ އަގު ތިރިކުރުމާއި، ރާއްޖެ ދަތުރުފަތުރުގެ ނިޒާމުން ގުޅާލުމުގެ ވައުދާއެކުގަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!