ކުޅިވަރު ފުޓްބޯޅަ

ސައްވީސް އަހަރުގެ އިންތިޒާރަކަށްފަހު ރޮމޭނިއާ ދެވަނަ ބުރަށް، ސްލޮވާކިއާ ވެސް ކުރިއަށް

ސްޕޯޓްސް ޓީމް ، ދެން އޮންލައިން

ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ދެވަނަ ބުރަށް 24 އަހަރުގެ ދިގު އިންތިޒާރަކަށްފަހު ރޮމާނިއާއިން ދަތުރުކޮށްފިއެވެ.

Ads by Hajj Corporation

މިރޭ ޔޫރޯ 2024 ގައި ރޮމާނިއާއި ސްލޮވާކިއާ ބައްދަލުކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

އެހެންކަމުން ރޮމޭނިއާ ދެވަނަ ބުރަށް ދިޔައީ  ގްރޫޕް އީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އެ ގްރޫޕްގައި ހިމެނޭ ހަތަރު ޓީމުކަމަށްވާ ރުމޭނިއާއާއި ސްލޮވާކިއާއާއި، ބެލްޖިއަމް އަދި ޔޫކްރޭންއަށް ގްރޫޕް ސްޓޭޖުގެ މެޗުތައް ނިންމާލިއިރު ވަނީ ހަތަރު ޕޮއިންޓު ލިބިފައެވެ.

މިއީ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތާރީހުގައި ވެސް މި ގޮތަށް ހަތަރު ޓީމުގެ ޕޮއިންޓް އެއްވަރުވި ފުރަތަމަ ފަހަރެވެ.

ފައިދާ ގޯލުގެ ތަފާތުން  އެ ގްރޫޕްގެ އެއްވަނަ ރުމޭނިއާއަށް ލިބޭއިރު ބެލްޖިއަމްއަށް ދެވަނަ ލިބޭއިރު ތިންވަނަަ ލިބިފައިވަނީ ސްލޮވާކިއާއަށެވެ.

އެހެންކަމުން ޔޫކްރޭން ނޫން ބާކީ އޮތް ތިން ޓީމަށް ދެވަނަ ބުރު ްޖާގަ ލިބޭނެއެވެ.

ޔޫރޯ މުބާރާތުގެ ކުރިއަށް ގެންދާ ގޮތުން ހަ ގްރޫޕްގެ އެއްވަނަ އަދި ދެވަނަ  ހޯދާ ޓީމަށް  ދެވަނަ ބުރުން ޖާގަ ލިބޭނެއެވެ. އަދި އެ ގްރޫޕްތަކުން ތިންވަނައަށް އަންނަ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ހަތަރު ޓީމަކަށް ވެސް ދެވަނަ ބުރަށަ ދެވޭނެއެވެ. ހަތަރު ޕޮއިންޓު ހޯދައި ސްލޮވާކިއާ ވަނީ ތިންވަނައަށް ދިޔަ ޓީމުތަކުގެ ތެރެއިން އެންމެ ގިނަ ޕޮއިންޓު ލިބުނު ޓީމަށް ވެފައެވެ.

މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި ވެސް ދެ ޓީމުން ވަނީ ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން މެޗުގެ 24 ވަނަ މިނެޓުގައި ސްލޮވާކިއާއިން ވަނީ ގޯލުޖަހައި މެޗުގެ ލީޑު ނަގައިފައެވެ.

ނަމަވެސް މެޗުގެ 37 ވަނަ މިނެޓުގައި ރުމޭނިއާއިން ވަނީ ގޯލެއްޖަހައި  މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.  އެ ގޯލަކީ ރުމޭނިއާގެ ޔަނިސް ހާޖީ އަށް ސްލޮވާކިއާގެ ޑޭވިޑް ހަންކޯ ކުރި ފައުލަކަށް ދިން ޕެނަލްޓީއަކުން ރަޒްވާން މަރީން ކާމިޔާބުކޮށްދިން ގޯލެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!